ޚަބަރު

ލ. ގަމުގެ މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުން އާރްޑީސީއަށް


ލ. ގަމުގެ މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއާއި ޙަވާލުކޮށްފިއެވެ.

އެކަމަށްޓަކާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

މި މަޝްރޫޢުގެ ދަށުން، ލ. ގަމުގެ 4.5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުބައްތި ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ.

ގަމުގެ އެތެރޭގެ މަގުތަކުގައި ތާރުއެޅުމަކީ އެމް.ޑީ.ޕީގެ ވަޢުދެއްކަން ފާހަގަކުރައްވާ، އެ ވައުދު ފުއްދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.


ލ. ގަމުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 600 (އެއް އަހަރާއި 6 މަސް ދުވަސް) ގެ ތެރޭގައި ނިންމާގޮތަށެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢަށް 104 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ގަމުގެ އެތެރޭގެ މައި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވާއިރު، ގަމުގެ ތަރައްޤީއަށް މިވަގުތުވެސް މުހިއްމު މަޝްރޫޢުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. އެގޮތުން ގަމުގެ ބަނދަރު ތަރައްޤީކުރުމާއި، ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން، 100 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ގަމުގައި އަންނަނީ ކުރަމުންނެވެ.