60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ މިލްކުކުރިއިރު، ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މުޙައްމަދު ޝަފްއާން އިސްމާއިލް ހޯދައިފިއެވެ.
އަންހެން ސިންގަލްސްގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަނަކީވެސް ދީމާއެވެ. ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ދީމާ ވާދަކޮށްފައިވަނީ އައިޝަތު ރަފާ ނާޒިމްއާއެވެ. މިއީ މި ދެ ކުޅުންތެރިން އަންހެން ސިންގަލްސް ފައިނަލުގައި ޖެހިޖެހިގެން ވާދަކުރި ތިންވަނަ ފަހަރެވެ. މި ތިންފަހަރުވެސް ރަފާ ބަލިކޮށް ދީމާ ވަނީ ތަށިހޯދައިފައެވެ.
ހޮނިހިރު ދުވަހުގުރޭ ކުޅުނު ފައިނަލް މެޗު ދީމާ ކާމިޔާބުކުރީ ސީދާ ހަތަރު ގޭމުންނެވެ. މި މެޗުގެ ގޭމްތައް ދީމާ ގެންދިޔައީ 15-13، 11-08، 11-09 އަދި 11-03 އިންނެވެ،
ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޝައްފާން ހޯދީ ފައިނަލުގައި ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ޓީޓީ ކުޅުންތެރިޔާ މޫސާ މުންސިފް އަތުން މޮޅުވެގެންނެވެ. މި މެޗުން ޝައްފާން މޮޅުވީ، މެޗުގެ މެދުތެރެއިން މުންސިފަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗު ދޫކޮށްލުމުންނެވެ. މުންސިފް މެޗު ދޫކޮށްލިއިރުވެސް ކުރީގައި އޮތީ ޝައްފާންއެވެ.
އެގޮތުން މުންސިފް މެޗު ދޫކޮށްލިއިރު، ޝައްފާން ކުރީގައި އޮތީ 2-1 ގޭމުންނެވެ. އެއީ 11-09، 11-09 އަދި 11-03 އިންނެވެ. މުންސިފަށް އަނިޔާވީ ދެވަނަ ގޭމުގައެވެ. އަނިޔާގެ ސަބަބުން މުންސިފް ވަނީ ތިންވަނަ ގޭމުގައި މެޑިކަލް ބްރޭކްއެއްވެސް ނަގައިފައެވެ.
މުބާރާތުގެ ޓީމް އިވެންޓަށް ބަލާއިރު، ޓީމް އިވެންޓްގެ އަންހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުންނެވެ. ފައިނަލްގައި ކަސްޓަމްސް މޮޅުވީ އިހާ ޓޭބަލް ޓެނިސް އެކަޑަމީ އަތުންނެވެ.
ފިރިހެން ޓީމް އިވެންޓްގެ ފައިނަލުގައި ވާދަކޮށްފައިވަނީ ކީންސް ސްޕޯޓްސް ކުލަބާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީއެވެ. ވާދަވެރިކޮށްދިޔަ ފައިނަލް މެޗު 3-2 ގޭމުން ކާމިޔާބުކޮށްފައިވަނީ އިހާ ޓޭބަލް ޓެނިސް އެކަޑަމީއެވެ.