އއ.ރަސްދޫ ފުޓްބޯޅަ އެކަޑަމީއާއި ހޭންޑްބޯޅަ އެކަޑަމީގެ ކުދިންނަށް ހާއްސަކޮށް ފިއެސްޓާއެއް ކާމިޔާބުކަމާއެކު އެ ރަށުގައި ކުރިޔަށްގެންގޮސްފި އެވެ.
ޖުމްލަ 130 އެއްހާ ކުދިންނާއެކު މި ފިއެސްޓާ ކުރިޔަށްދިޔައީ ދެ ކުޅިވަރަށް ހާއްސަކޮށް ވަކިވަކިން، އެކި އުމުރުފުރާތަކަށް ބަހާލައިގެންނެވެ.
ލީގު އުސޫލުން ކުރިޔަށްދިޔަ މި ފިއެސްޓާގެ ފުޓުބޯޅަ ބައި ކުރިޔަށްދިޔައީ ހަތަރު އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 19 އަހަރުން ދަށް, 16 އަހަރުން ދަށް, 14 އަހަރުން ދަށް, 12 އަހަރުން ދަށް އަދި ނުވަ އަހަރުން ދަށެވެ. ހޭންޑްބޯޅަ އެކަޑަމީގެ މެޗުތަށްވެސް ކުރިޔަށްދިޔައީ އެކި އުމުރުފުރާތަކަށް ބަހާލައިގެންނެވެ.
ހަ ދުވަހަށް ކުރިޔަށްދިޔަ މި ފިއެސްޓާ ނިންމުމުގެ ގޮތުން އެ އަތޮޅު އުކުޅަހުގެ ހޭންޑްބޯޅަ އަދި ފުޓުބޯޅަ އެކަޑަމީގެ ޓީމާ ވަނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. އަދި ހުރިހާ މެޗުތަކެއް ނިމުމުން ފިއެސްޓާގެ ހުރިހާ ބައިވެރިންނަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ. މެޑަލް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނުން ކަމަށްވާ ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމު ހާސިލުކުރެއްވި ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އާއި ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަހުމަދު މުޖުތަބާ އެވެ.
މި ދެ އެކަޑަމީ ވުޖޫދުވީ 2017 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ އެ ރަށުގައި ފުޓުބޯޅަ އެކަޑަމީއެއް އުފެއްދުމާއެެކު އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމާއި އެކު އެ ރަށުގައި ހޭންޑްބޯޅަ އެކަޑަމީއެއް އުފެއްދުމަށް ނިންމިއެވެ. ނަތީޖާއެއްގެ ގޮތުން 2017 ވަަނަ އަހަރުގެ އޮކްޓޯބަރު އެކެއްގައި ޖުމްލަ 25 ކުދިންނާއެކު ރަސްދޫ ހޭންޑްބޯޅަ އެކަޑަމީގެ ހަރަކާތްތައް ފެށިގެންދިޔަ އެވެ. އޭގެފަހުން މިއަދާ ހަމަޔަށް އެ އެކަޑަމީއަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.
މި ދެ އެކަޑަމީން ތަމްރީނުވާ ބައެއް ކުޅުންތެރިން މިހާރުވެސް ދަނީ އެ ރަށުން ބޭރުގައި ހިންގާ ގިނަ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެ ނަތީޖާ ނެރެމުންނެވެ. އަދި މުސްތަގްބަލުގައި އިތުރު ކުޅުންތެރިންތަކެއް އެ އެކަޑަމީން ފެނިގެންދިއުމަކީ ގާތްކަމެއް ކަމަށް އެކަޑަމީން ބުނެއެވެ.