ރާއްޖޭގައި ސްކޭޓިންގެ ހަރަކާތްތައް ފުޅާކުރުމުގެ މަޤްސަދުގައި ފުރަތަމަ ފަހަރަށް އިންލައިން ސްކޭޓިންގް އެސޯސިއޭޝަން ގެ ނަމުގައި މި ކުޅިވަރަށް ހާއްސަ އެސޯސިއޭޝަނެއް ރާއްޖޭގައި އުފައްދައިފިއެވެ.
މިދިޔަ މަހު ރަސްމީކޮށް މި އެސޯސިއޭޝަން ރަޖިސްޓްރީކޮށްފައިވާއިރު، މިހާރުވެސް އެ ކުޅިވަރު ފުޅާކުރުމަށް މާލެ އާއި ބައެއް ރަށްރަށުގައި ދަނީ ހަރަކާތްތައް ކުރިޔަށްގެންދަމުންނެވެ.
ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތުދެއްވަމުން އިންލައިން ސްކޭޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައުންޑަރ މުހައްމަދު ރިލްވާން ވިދާޅުވީ އަމާޒަކީ ދުރު ވިސްނުމުގެ ދަށުން ޤައުމީ ޓީމެއް ބިނާކުރުމަށް ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށް ޕޫލެއް އެކުލަވާލާނެ ކަމަށެވެ.
މިހާރުވެސް ސްކޭޓިންގައި 100 އަށްވުރެ ގިނަ ކުދިން މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެއެވެ. ހަތަރު އަހަރުން ފެށިގެން މަތީގެ ކުދިންނަށް ހާއްސަކޮށް ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިޔަށްގެންދާ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ބައިނަލްއަގްވާމީ މައިދާނުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިންލައިން ސްކޭޓިންގައި މައިގަނޑު ގޮތެއްގައި 11 ވައްތަރެއް ވެއެވެ. މީގެތެރެއިން އެންމެ ފުރަތަމަ ރާއްޖެއިން އަމާޒު ހިފާނީ ދެ ވައްތަރަކަށެވެ.
މާލެ އަދި ހުޅުމާލޭގައި ހިންގާ އިންލައިން ސްކޭޓިންގް ކްލާސްތަކުގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންތަކެއް މިހާރުވެސް ބައިވެރިވެއެވެ. މި ކުޅިވަރު ފުޅާކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އެ އެސޯސިއޭޝަނުން ދަނީ ތައްޔާރުވަމުންނެވެ.