އެމެރިކާގައި ބޭހުގެ އަގުބޮޑުކުރަން އެ ޤައުމުގައި ބޭސް އުފައްދާ ބައެއް ކުންފުނިތަކުން ނިންމައިފިއެވެ. މީގެތެރޭގައި ހިމެނެނީ ފައިޒަރ އިންކް، ގްލެކްސޯސްމިތުކްލައިން، ބްރިސްޓަލް މަޔަރސް ސްކިބް، އެސްޓްރާޒެނެކާ ޕީއެލްސީ އަދި ސެނޯފީ އެސްއޭ ފަދަ ބޭސް އުފައްދާ ކުންފުނިތަކެވެ.
ބޭހުގެ އަގު ބޮޑު ކުރާން ނިންމާފައިވާކަން ހާމަކޮށްފައިމިވަނީ 2026 ވަނަ އަހަރުން ފެށިގެން އެމެރިކާގައި އަމަލު ކުރަން ފަށާ އިންފްލޭޝަން ރިޑަކްޝަން އެކްޓް، އައިއާރުއޭއަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މި ގާނޫނުގެ ދަށުން 2026 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ މެޑިކެއަރ ހެލްތު ޕްރޮގްރާމަށް ޚިޔާރުކުރެވޭ ބޭސްތަކުގެ އަގު ކަނޑައެޅުމަށް ސީދާ މަޝްވަރާ ކުރެވޭނެއެވެ. އަދި ސަޕްލައި ޗޭންގެ މައްސަލަތަކާއި އިންފްލޭޝަންގެ މައްސަލަތަކާވެސް ސިނާއަތުން ކުރިމަތިލާން ޖެހޭއިރު، މި ދެ ކަންތަކުގެ ސަބަބުން ބޭސް އުފެއްދުމުގެ އަގު ވަނީ ބޮޑުވެފައެވެ.
ބޭހުގެ އަގު ކަނޑައެޅުމުގެ ނޮން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ 46 ބްރޫކްލިން އިން ޝާއިއުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުވެސް ބޭސް އުފައްދާ ކުންފުނިތަކުން ވަނީ 1،400 އަށް ވުރެ ގިނަ ބޭހުގެ އަގު ބޮޑުކޮށްފައެވެ. އެއީ 2015 ވަނަ އަހަރަށް ފަހު އެންމެ ގިނައިން އިތުރުވި އަދަދެވެ.
މީޑިއަން ބޭހުގެ އަގު މިދިޔަ އަހަރު %4.9 އަށް އިތުރުވެފައިވާއިރު، އެވްރެޖްކޮށް %6.4 އަށް އިތުރުވެފައިވާ ކަމަށް 46 ބްރޫކްލިން އިން ބުނެއެވެ.
ބޭސް އުފައްދާ ފަރާތްތަކުން ބޭހުގެ އަގު ވަނީ %10 ނުވަތަ އެއަށްވުރެ ދަށުގައި ބަހައްޓާފައެވެ. މިއީ މިދިޔަ ދިހަ އަހަރު ތެރޭގައި ބޭހުގެ އަގު މާ ބޮޑަށް އުފުލުމުން އާންމުންގެ ފާޑުކިޔުން އަމާޒުވި ފަހުން ގިނަ ބޮޑެތި ބޭސް އުފައްދާ ފަރާތްތަކުން ގެންގުޅޭ އުސޫލެކެވެ.
މިއަދާ ހަމައަށް ބޭހުގެ އަގު އެންމެ ބޮޑަށް ބޮޑުކުރި ފައިޒަރ އިން، އާންމުކޮށް ނުލިބޭ 89 ބްރޭންޑެއްގެ ބޭހުގެ އަގުވަނީ ބޮޑުކޮށްފައެވެ. ޖީއެސްކޭ އިން މިހާތަނަށް އާންމުކޮށް ނުލިބޭ 26 ބޭހެއްގެ އަގު ބޮޑުކުރަން ރާވާފައިވާއިރު، އޭގެ ތެރޭގައި އެ ކުންފުނީގެ މަޝްހޫރު ޝިންގަލްސް ވެކްސިން ޝިންގްރިކްސްގެ އަގު ގާތްގަނޑަކަށް %7އަށް ބޮޑުކުރުންވެސް ހިމެނެއެވެ.
އަގުބޮޑުކޮށްފައިވާ ފާހަގަކޮށްލެވޭ ބޭސްތަކުގެ ތެރޭގައި ބްރިސްޓަލް މަޔަރސް ސްކިބްގެ ޕާސަނަލައިޒްޑް ސީއޭއާރް-ޓީ ސެލް ތެރަޕީސް އެބެކްމާ އަދި ބްރެޔަންޒީގެ އަގު %9 ށް ބޮޑުކުރުން ހިމެނޭއިރު، މިއީ ލޭގެ ކެންސަރަށް ފަރުވާ ދިނުމަށް މިހާރުވެސް 400،000 އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަގަކަށް ލިބޭ ދެ ތެރަޕީއެވެ.
ފައިޒަރ އިން އިތުރަށް އަގު ބޮޑުކޮށްފައިވާ ބޭހުގެ ތެރޭގައި ރޫމޭޓޮއިޑް އާތުރައިޓިސް އަދި އަލްސަރޭޓިވް ކޮލައިޓިސް ފަދަ އޮޓޯއިމިއުން ބަލިތަކަށް ފަރުވާއެއް ކަމަށްވާ ޒެލްޖަންޒްގެ އަގު %6 އަށް ބޮޑުކުރުމާއި ކެންސަރަށް ބޭނުންކުރާ ބޭސް އިބްރަންސް އަދި ކްސަލްކޯރީ %7.9އަށް ބޮޑުކުރުން ހިމެނެއެވެ.
އެސްޓްރާޒެނެކާ އިންވެސްވަނީ ލޭގެ ކެންސަރަށް ފަރުވާ ދިނުމަށް ބޭނުންކުރާ ކެލްކުއެންސް އާއި ކުދި ސެލް ނޫން ފުއްޕާމޭގެ ކެންސަރަށް ދޭ ބޭސް ޓަގްރިސޯ އަދި އެސްތަމާއަށް ފަރުވާ ދިނުމަށް ބޭނުންކުރާ ފަސެންރާ %3އަށް ބޮޑު ކުރަން ނިންމާފައެވެ.