ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގްތިސާދަށް މިއަހަރަކީ އުނދަގޫ އަހަރަކަށް ވާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އިގްތިސާދީ ދުވެލި ހަލުއިވުމުގައި ހިއްސާވާ މައިގަނޑު އިގްތިސާދުތައް ކަމަށްވާ އެމެރިކާ ޔޫރަޕް އަދި ޗައިނާގައިވެސް އިގްތިސާދީ ގޮތުން ހަރަކާތްތެރިކަން މަދުވެ އިގްތިސާދަށް ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށް ކްރިސްޓަލީނާ ވިދާޅުވިއެވެ.
ސީބީއެސްގެ ނިއުސް ޕްރޮގްރާމް "ފޭސް ދަ ނޭޝަން" ގައި ވާހަކަ ދައްކަވަމުން ކްރިސްޓަލީނާ ވިދާޅުވީ އާ އަހަރަކީ ވޭތުވެދިޔަ އަހަރަށް ވުރެ އުނދަގޫ އަހަރަކަށް ވާނެކަމަށެވެ. ސަބަބަކީ މައިގަނޑު ތިން އިގްތިސާދު ކަމަށްވާ އެމެރިކާ، އީޔޫ އަދި ޗައިނާގެ އިގްތިސާދީ ދުވެލިވެސް މަޑުޖެހެމުން ދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ދުނިޔޭގެ އިންފްލޭޝަންގެ ޕްރެޝަރުތަކާއެކު ތަކެތީގެ އަގުތައް ކޮންޓްރޯލު ކުރުމަށް އަމާޒުކޮށްގެން އެމެރިކާގެ ފެޑެރަލް ރިޒާވް ފަދަ މަރުކަޒީ ބޭންކުތަކުން އިންޓަރެސްޓް ރޭޓްތައް މަތިކުރުމުގ ސަބަބުންނާއި އެނޫންވެސް ސަބަބުތަކާއި ހެދި ދުނިޔޭގެ އިގްތިސާދީ ދުވެލި މިއަހަރު މަޑުވާނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އައިއެމްއެފް އިން ވަނީ ލަފާކޮށްފައެވެ.
އޭގެ ފަހުން ޗައިނާއިން ވަނީ އެމީހުންގެ ހަރުކަށި ކޯވިޑް ޒީރޯ ސިޔާސަތު ދޫކޮށް އިގްތިސާދީ ދުވެލި ހަލުއި ކުރުމަށް މަސައްކަތް ފަށާފައެވެ. ސިޔާސަތު ބަދަލުވި ފަހުން ރައީސް ޝީ ޖިންޕިންގް ވަނީ އެއްބައިވަންތަކަން އިތުރުކޮށް އިގްތިސާދީ ދުވެލި ހަލުއި ކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާގައި ކޯވިޑުގެ ބަލިމަޑުކަން އިތުރަށް ފެތުރި މިއަހަރު އެގައުމުގެ އިގްތިސާދަށް އިތުރަށް އަސަރުކޮށް، ސަރަހައްދީ އަދި ދުނިޔޭގެ އިގްތިސާދީ ދުވެލިވެސް މަޑުޖެހުން އެކަށީގެންވާ ކަމަށް މިދިޔަ މަހު ފަހުކޮޅު އައިއެމްއެފްގެ ދަތުރެއްގައި ޗައިނާއަށްދިޔަ ކްރިސްޓަލީނާވަނީ ވިދާޅުވެފައެވެ.