ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް


ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ދީނީ މަޢުލޫމާތު އިތުރުކޮށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލީ ފާއިޒު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ސަފީރު އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާގައި ހުކުރު ކުރުމަށްޓަކައި، އިސްލާމިކް މިނިސްޓްރީން ނެރުއްވާ ޚުޠުބާ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާގުޅޭ ގޮތުންނާއި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށް ޤުރުއާން ކޯސްފަދަ ކޯސްތައް ހިނގޭނެ ގޮތްތަކާއިބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ދެއްކެވި ވާހަކަފުޅުގައި ސަފީރު އެދިވަޑައިގެންނެވި ފަދައިން، މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން އިސްލާމްދީން ފެތުރުމާއި، އިސްލާމްދީނުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ޤުރުއާން ކޯސްފަދަ ކޯސްތައް ހިންގޭނެ ގޮތްތަކަށް ބައްލަވާލައްވާ އެކަންކަން ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

އިސްލާމީ ތަޢުލީމު ފޯރުކޮށްދީ، ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ލަންކާއަށް ވަޑައިގެން، ލަންކާގައި ތިއްބަވާ ދިވެހިންނަށް ދަރުސް ދެއްވުންފަދަ ކަންކަން ކުރެއްވޭނެ ގޮތްތައް ބައްލަަވައި، އެގޮތަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ފަހިކޮށްދިނުމަށްޓަކައި، ސަފީރާއި ގުޅިގެން އެ މަސައްކަތްކުރިއަށް ގެންދަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއާއި ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލް ބައިވެރިވެވަޑައިގެންނެވިއެވެ.