މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމަށް އެފްއެސްއެމްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާއީލް ފައުޒީއެވެ. އެފްއެސްއެމްއިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްއެވެ.
މިފްކޯއިން ހާމަކުރެއްވި ގޮތުގައި އެފްއެސްއެމްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަންގާރަ ދުވަހުން ފެށިގެން ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިންވަނީ މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައެވެ.
އަދި އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން ވެސް ތެޔޮ ވިއްކަން ފަށާނެ ކަމަށް މިފްކޯއިން ހާމަކުރައްވައެވެ.
MIFCO and @FuelSuppliesMv signed an agreement on Tuesday to initiate fuel sale by FSM to fishermen at MIFCO's regional sites starting 3 Jan 2023.
— MIFCO (@mifcomv) January 3, 2023
FSM will begin fuel sales at Kooddoo and Addu Fisheries Complexes today while Felivaru Fisheries Complex is scheduled for February 3. pic.twitter.com/C99l6nScrb
މިފްކޯއިން ހާމަކުރެއްވި ގޮތުގައި މިބަދަލުގެ ބޭނުމަކީ ދަތި ކަމެއް ނެތި މިފްކޯގެ ސައިޓުތަކުން މަސްވެރިންނަށް ތެޔޮ އަބަދުވެސް ލިބޭނޭކަމުގެ ޔަގީންކަންދީ، ތެޔޮ ވިއްކުމުގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމެވެ. އަދި ބައެއް ހާލަތްތަކުގައި ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަންޖެހުމުން މަސް ވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.
މިފްކޯގެ ބޯޓުތަކުގައި ތެޔޮ ރައްކާކުރާނޭ ސްޓޯރޭޖު ކުޑަވުމުން މަސްވެރިން ބޭނުންވާ މިންވަރަށް ބޯޓުތަކުން ތެޔޮ ވިއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ބޯޓުތަކުން ތެޔޮ ވިއްކުމުގެ ބަދަލުގައި ތެޔޮ ލިބޭނޭ ފަސޭހަ އެހެން އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް އެފްއެސްއެމްއިން މިހާރު ކުރިއަށް ގެންދާ ކަމަށްވެސް މިފްކޯއިން ހާމަކުރައްވައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެކުރިން މިކަމަށް އިންތިޒާމެއް ހަމަޖެއްސުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
މިއަދު މިއައި ބަދަލާއެކު ހުރިހާ ދޯނިތަކުން އެފްއެ ސްއެމްއާއި އެކީގައި ކްރެޑިޓް އެއްބަސް ވުމެއް ހަދާނެ ކަމަށާއި، އަދި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ދޯނި ފަހަރަށް އެފްއެސްއެމްއިން ކްރެޑިޓް ދޭނެ ކަމަށްވެސް މިފްކޯއިން މަޢުލޫމާތުދެއްވައެވެ. އަދި މިއާއެކު މަސް ބިލުން ތެލުގެ ފައިސާ ކެނޑުމުގެ ބަދަލުގައި ދޯނިފަހަރުން ކުރެޑިޓް މުއްދަތުގެތެރޭގައި ތެލަށް ދައްކަން ޖެހޭ ފައިސާ ސީދާ އެފް އެސްއެމްއަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ. މިއާއެކު މިހާރެކޭ އެއްގޮތަށް މަސްވެރިންނަށް ޚާއްސަ އަގެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށްވެސް މިފްކޯއިން ހާމަކުރައްވައެވެ.
މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ ރޭޓުގައި އެފްއެސްއެމްއިންވަނީ ހުޅުމާލޭ މަސްވެރިންގެ ޖެޓީންވެސް މިދިޔަ ނޮވެމްބަރު މަހު މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައެވެ.
އެފްއެސްއެމްއިން އޭރު ހާމަކޮށްފައިވާ ގޮތުގައި ހާއްސަ ރޭޓުގައި ތެޔޮ ދޫކުރާނީ މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުތަކަށް އެކަނިއެވެ.
މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63ރ. އަށެވެ. މިރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދަނީ މިފްކޯގެ މަސް ބޯޓުތަކުންނާއި، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ.
އެފްއެސްއެމްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ފޯރުކޮށްދޭ ކުންފުންޏެވެ. އެކުންފުނިން އަންނަނީ މީހުން ދިރިއުޅޭ %97 ރަށަށް ތެޔޮ ފޯރުކޮށްދެމުންނެވެ.