ދުނިޔޭގެ ވިޔަފާރި

ސިންގަޕޫރުގެ އިގްތިސާދީ ދުވެލި ހަލުއިވެއްޖެ


ސިންގަޕޫރުގެ އިގްތިސާދީ ދުވެލި ލަފާކުރި ވަރަށް ވުރެ ބޮޑަށް މިދިޔަ އަހަރު ކުރިއަރާފައިވާކަމަށް އެ ގައުމުގެ ވިޔަފާރިއާއި ބެހޭ ވުޒާރާއިން އަންގާރަ ދުވަހު އާންމުކޮށްފައިވާ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ ސިންގަޕޫރުގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު ހަލުއި ވެފައިވަނީ %3.8 އަށެވެ. އެ ގައުމުގެ އިގްތިސާދީ ދުވެލި ކުރިއަރާނެކަމަށް ސަރުކާރުން ލަފާކޮށްފައި މިންވަރަކީ %3.5 އެވެ. 2021 ވަނަ އަހަރު މި އަދަދު ހުރީ %7.6 ގައެވެ.

މިދިޔަ އަހަރުގެ އިގްތިސާދީ ދުވެލި ހަލުއިވީ ނަމަވެސް އަހަރުގެ ފަހު 3 މަސް ދުވަހުގެ ތެރޭގައި އިގްތިސާދުގެ މުހިންމު ދާއިރާއެއް ކަމަށްވާ އުފެއްދުންތެރިކަމުގެ ދާއިރާ %3.0 އަށް ދަށްވެ، އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައެވެ.

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ސިންގަޕޫރުގެ އިގްތިސާދީ ދުވެލި ހަލުއިވެފައި ވަނީ %2.2 އަށެވެ. މިއީ ޖުލައި-ސެޕްޓެމްބަރު މަހުގެ އިގްތިސާދީ ދުވެލި %4.2 ގައި ހުރުމަށްފަހު ކުރިމަތިވި ވަރަށް ބޮޑު ދަށްވުމެކެވެ.

ކޮމްޕިއުޓަރ ޗިޕްސް އާއި އެހެނިހެން އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ބޮޑެތި ދަތިތަކެއް ސިންގަޕޫރަށް ކުރިމަތިވެފައި ވަނީ އިންފްލޭޝަން މަތިވުމާއި އިންޓަރެސްޓް ރޭޓް ވަރަށް ބޮޑަށް އިތުރުވުމުން ދުނިޔޭގެ ޑިމާންޑް ދަށްވުމުގެ ސަބަބުންނެވެ.

މާކެޓް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް އިކޮނޮމިކްސްއިން ބުނި ގޮތުގައި މިއަހަރު އިގްތިސާދީ ދަތިތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށާއި އޭގެ މާނައަކީ ސިންގަޕޫރުގެ މަނިޓަރީ އޮތޯރިޓީން މި އަހަރު މާލީ އުސޫލުތައް ހަރުކަށި ކުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް ސިންގަޕޫރުގެ މަރުކަޒީ ބޭންކުން މިދިޔަ އަހަރު ވަނީ ހަތަރު ފަހަރެއްގެ މަތިން ފޮރިން އެކްސްޗޭންޖް ބެސްޓް މަނިޓަރީ ޕޮލިސީ ހަރުކަށިކޮށްފައެވެ.

އަންނަ އަހަރަކީ ދުނިޔޭގެ އިގްތިސާދަށް އުދަގޫ އަހަރަކަށް ވާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ އާދީއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ.

އާ އަހަރަށް ދެއްވި ޚިޠާބުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގްވެސް ވަނީ ސިންގަޕޫރުގެ މިއަހަރުގެ އިގްތިސާދީ ދުވެލި ހަލުއި ވާނީ %0.5 އާއި %2.5 އާ ދެމެދުގެ މިންވަރަކަށްކަމަށް ވިދާޅުވެފައެވެ.