ދުނިޔޭގެ ވިޔަފާރި

ހިޔުންޑާއި އާއި ކިއާގެ އަންނަ އަހަރުގެ ވިޔަފާރި އިތުރުވާނެ


ދެކުނު ކޮރެއާގެ އޮޓޮމޯޓިވްސް އުފައްދާ ކުންފުނި ހިޔުންޑާއި މޮޓޯ ކޯ އާއި އެމީހުންގެ ސަބްސިޑަރީ ކުންފުނި ކިއާ ކޯޕަރޭޝަންގެ އަންނަ އަހަރުގެ ވިޔަފާރި ގާތްގަޑަކަށް 10 އިންސައްތައަށް އިތުރުވާނެ ކަމަށް ލަފާކޮށްފިއެވެ.

މި ދެ ކުންފުނިން މި ގޮތަށް ލަފާކޮށްފައި ވަނީ ސަޕްލައިއަށް ބުރޫއެރުމުގެ ސަބަބުން މިދިޔަ އަހަރުގެ ވިޔަފާރި ކުރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ ދަށްވެފައި ވަނިކޮށެވެ.

ހިޔުންޑާއި މޮޓޯ ކޯ އާއި ކިއާ ކޯޕްއިން މިދިޔަ އަހަރު ވިއްކާފައި ވަނީ 6.85 މިލިއަން ވެހިކަލްއެވެ. މިއީ ޖުމްލަ އެމީހުން ކުރިން ވިއްކަން އަމާޒު ހިފާފައިވާ 7.16 މިލިއަން ވެހިކަލް ވުރެ ގާތްގަނޑަކަށް 4 އިންސައްތަ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ވިޔަފާރި ދަށްވެފައި ވަނީ ޗިޕް އާއި އެނޫންވެސް އޮޓޯ ވެހިކަލް އުފައްދާ ސާމާނު ލިބުން ދަތިވުމުގެ ސަބަބުންނެވެ.

ދެ ކުންފުނިން 7.52 މިލިއަން ވެހިކަލް މިއަހަރު ވިއްކަން ވަނީ އަމާޒު ހިފާނެކަމަށް ވަނީ ބުނެފައެވެ.

ހިޔުންޑާއި އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މާކެޓް ހިއްސާ އިތުރުކޮށް މާކެޓަށް އަންނަ ބަދަލުތަކަށް ހޭނި، ބައިނަލްއަގްވާމީ ތިމާވެށީގެ ގަވާއިދުތަކަށް ތަބާވެ، ސަރަހައްދީ އުފެއްދުންތެރިކަމާއި ލޮޖިސްޓިކްސް އަދި ވިޔަފާރި އިތުރުކޮށް ފައިދާއަށް އަމާޒުކޮށްގެން ވިޔަފާރިތައް ހިންގުމަށް ގަސްތުކުރާ ކަމަށެވެ.

ވެހިކަލްއަށް އޮތް ޑިމާންޑު އިތުރުވެފައިވާތީ، ދެ ކުންފުނީގެ ވިޔަފާރީގެ އަމާޒަށް ވާސިލުވުމަކީ ހާސިލުކުރެވޭނެ ކަމެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ހިޔުންޑާއި އަދި ކިއާއަށް މިހާރުވެސް އޯޑަރުތައް ލިބިފައިވާ ކަމަށާއި ދުނިޔޭގެ އިގްތިސާދީ ހާލަތު ހީނަރުކަމެއްގައި އޮތަސް ވެހިކަލް ގަންނަން މިހާރުވެސް މީހުން ކިޔޫގައި އެބަތިބިކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އޮކްޓޯބަރު މަހު ހިޔުންޑާއިން ވަނީ މިދިޔަ އަހަރުގެ ގްލޯބަލް ސޭލްސް ޓާގެޓް ގާތްގަނޑަކަށް %7 ދަށްކޮށް، 4.32 މިލިއަން ވެހިކަލް އިން 4.01 މިލިއަން ވެހިކަލް އަށް ދަށްކޮށްފައެވެ.