ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަންގެ ބީޗް ޕްރޯ މުބާރާތުން ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ހޯދި ރަން މެޑައްޔަކީ ރާއްޖޭގެ ބީޗްވޮލީބޯޅައިގެ ކާމިޔާބީގެ ފެށުން ކަމަށް ގައުމީ ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީ ބުނެފިއެވެ.
ރަން މެޑައްޔާއެކު އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާއިން ރާއްޖެއައުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި މުބާރާތައް ފަހު ވާހަކަ ދައްކަމުން ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗު ވިނީޝިއުސް ބުނީ، މިއީ ރާއްޖޭގެ ޓީމުން ކުރިއަށް އޮތްތަނުގައި ހޯދާނެ ކާމިޔާބީތަކުގެ ފެށުން ކަމަށެވެ. އަދި މި މުބާރާތައް ނުކުތްއިރުވެސް، ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއަށް އިތުބާރު އޮތް ކަމަށާއި، އެގޮތުން މީގެ ކުރިން އެ ޕެއާއިން ކުޅުނު ކޮމަންވެލްތު ގޭމްސް އާއި އެފްއައިވީބީ މޯލްޑިވްސް ޕްރޯގައި ދެއްކި ކުޅުމާއެކު އެ ޕެއާއަށް ރަން މެޑަލް ހޯދުމަކީ ވާނެ ކަމެއްކަން އެނގުން ކަމަށެވެ.
ވިނީޝިއުސް ފުރަތަމަ މީޑިއާތަކަށް ދިން އިންޓަރވިއުގައި ވަނީ ރާއްޖޭގެ ބީޗްވޮލީބޯޅައިގެ ތާރީޚު ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. ޕީއެސްއެމް ސްޕޯޓްސްއިން ކުރި ސުވާލަށް ޖަވާބުދެމުން ވިނީޝިއުސް ބުނީ ފުރަތަމަ ގައުމީ ޓީމާއެކު ކުރި ފަރިތަކުރުންތަކުންވެސް ކުޅުންތެރިންގެ ފެންވަރު އެނގުން ކަމަށާއި، މިހާރު އަމާޒަކީ އެފްއައިވީބީން ރާއްޖެއަށް ދީފައިވާ އަމާޒަށް ވާސިލުވާން މަސައްކަތް ކުރުން ކަމަށެވެ. އަދި އެއީވެސް ނުކުރެވޭނެ ކަމެއް ނޫން ކަމަށް ކޯޗު ފާޙަގަކުރިއެވެ.
ވިނީޝިއުސް ވަނީ އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާގެ އިތުރުން ޝަމާއިލް ހުސެއިން އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާއަކީވެސް ކާމިޔާބު ހޯދޭނެ ފެންވަރުގެ ޕެއާއެއް ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެ ޕެއާއިންވެސް މެޑަލް ރާއްޖެއަށް ހޯދާދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ކޯޗު ބުންޏެވެ.
ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުބާރާތުން ރަން މެޑަލް އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާއިން ގެނައީ މެޗަކުން ބަލިނުވެފައެވެ. އަދި މި މުބާރާތުގައި ކުޅުނު މެޗުތަކުގައި އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާއަތުން ސެޓެއްވެސް ގެއްލިފައިނުވެއެވެ.