ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފައްޓަވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފައްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރ. އަލިފުށްޓަށް މިއަދު ފެށްޓެވި މި ދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބާއްވާ ޢާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، މިދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ރ. އަތޮޅު ކައުންސިލާއި، އަލިފުށީ ކައުންސިލާ ބައްދަލުކުރައްވާނެއެވެ. އަދި، އަލިފުށީ ސްކޫލްގައި ޢިމާރާތްކޮށްފައިވާ މަލްޓިޕަރޕަސް ހޯލް ހުޅުއްވައި ދެއްވާނެއެވެ.

އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ހުކުރުދުވަހު ނިންމަވާލެއްވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.