އިޓާލިއަން ސެރީއާގެ އެންމެ ކުރީގައި މިސީޒަންގައި އުޅޭ ނަޕޯލީ ލީގުގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.
ނަޕޯލީ ބަލީވެފައިވަނީ ރަށުން ބޭރުގައި އިންޓަރ މިލާނާއި ބައްދަލުކުރި މެޗުން 1-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއިންނެވެ. ނަމަވެސް މިހުރިހާ ކަމަކާއެކުވެސް އެޓީމަށް އިންޓަރގެ ޑިފެންސް ފޫއަޅުވާލެވޭގޮތެްނުވިއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެތީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗްގެ 56 ވަނަ މިނެޓްގައި އިންޓަރގެ ފޯވަޑް އެޑިން ޖެކޯވަނީ މިމެޗްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ. މިމެޗްގެ ފަހު ވަގުތު ކޮޅުތެރޭގައި އިންޓަރގެ ކީޕަރ އަންޑްރޭ އޮނާނާވަނީ ނަޕޯލީގެ ފޯވަޑް ޖިއަކޯމޯ ރަސްޕަޑޯރީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފައެވެ.
މިކާމިޔާބީއާއެކު އިންޓަރއިން މިވަނީ ވާރލްޑް ކަޕަށްފަހު އެޓީމްގެ ފެށުން ރަނގަޅުކޮށް ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 16 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކުއެވެ. އަދި ނަޕޯލީގެ މިނާކާމިޔާބީއާއެކު އެޓީމަށް ޕޮއިންޓް ތާވަލްގައި އަށް ޕޮއިންޓްގެ ލީޑެއް ނަގަށް ލިބުުނު ފުރުސަތު މިވަނީ މިވަގުތަށް ގެއްލިގެން ގޮސްފައެވެ. ނަޕޯލީ ތާވަލްގެ އެއްވަނައިގާ އުޅެނީ 16 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކުއެވެ.