ރ.އަލިފުށީ ސްކޫލުގައި އަލަށް އިމާރާތް ކުރި މަލްޓިޕަރޕަސް ހޯލް ހުޅުވައިފިއެވެ.
މިހޯލް ހުޅުވާފައިވަނީ އަލިފުއްޓަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލިފުށި ސްކޫލަށް ވަޑައިގަތުމުން ސްކޫލުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
އަލިފުށީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުވައިދެއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ހޯލް ބައްލަވާލައްވާފައެވެ.
މަލްޓި ޕަރޕަސް ހޯލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވީ ވަށާ ޖެހޭ ތައުލީމެއް ފޯރުކޮށްދިނުމަށް މިފަދަ އިމާރާތްތައް މުހިއްމުކަމަަށެވެ. އެގޮތުން މިފަދަ 221 މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ނިންމާ އޭގެތެރެއިން 48 މަޝްރޫއެއް ނިމިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ސްކޫލްގެ ވަޞީލަތްތައް ފުރިހަމަވުމާއެކު ދަރިވަރުންގެ އަޚްލާގު ރަނގަޅުވެ މޮޅު ކުދިންތަކެއް އުފެދިގެންދާނެ. މިފަދަ ހޯލްތަކުގެ ސަބަބުން ޤައުމީ ފެންވަރުގައި ބާއްވާ ހަރަކާތްތަކާއި ސްކޫލްގެ އިތުރު ހަރަކާތްތައް ހިންގޭނެ." މިނިސްޓަރ އޮފް އެޑިއުކޭޝަން އައިޝަތު އަލީ ވިދާޅުވިއެވެ
އަލިފުށީ ސްކޫލްގެ ޕްރިންސްޕަލް އައިމިނަތު ޖަމީލް ވިދާޅުވީ މިއީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ތަނެއްކަމަށެވެ. އަދި ގޮންޖެހުންތަކާއެކުވެސް ހޯލްގެ މަސައްކަތް ނިމުމުގެ ސަބަބުން މިހާރު ސްކޫލުން ކުރިއަށްގެންދާ ހަރަކާތްތައް ފުރިހަމަކަމާއެކު ކުރިއަށްގެންދެވޭނެކަމަށެވެ.
"މިހޯލާއެކު ސްކޫލަށް އައު ދިރުންތަކެއް ލިބިގެންދާނެ. ގޮންޖެހުންތަކާއެކުވެސް ހޯލްގެ މަސައްކަތް ނިމުމުން އުފާކުރަން."އަލިފުށީ ސްކޫލްގެ ޕްރިންސްޕަލް އައިމިނަތު ޖަމީލް ވިދާޅުވިއެވެ.
އަލިފުށި ސްކޫލްގައި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ. އެއީ 2019 ވަނަ އަހަރު އެމަނިކުފާނު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އަލިފުށީގައި އިމާރާތް ކުރި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމަށް ދައުލަތުގެ ބަޖެޓުން 1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ސަރުކާރުން އަންނަނީ ރަށްރަށުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަަށްޓަކައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްކޫލްތަކަށް ކްލާސްރޫމްތައް އިތުރުކުރުމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.