އެމެރިކާގެ ވަޒީފާގެ ކުރިއެރުން ޑިސެމްބަރުމަހު ލަފާކުރި ވަރަށްވުރެ ކުރިއަރާފައިވާއިރު، ވަޒީފާ ނެތް މީހުންގެ ނިސްބަތް ދަށްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު އޮންނަ އެމެރިކާގައި ގާތްގަޑަކަށް 10 ވަރަކަށް އަހަރު ވަންދެން އުފުލިފައިވާ އިންފްލޭޝަން ދަށްކުރުމަށް ފެޑެރަލް ރިޒާވުން މަސައްކަތް ކުރަމުންދާއިރު، ވަޒީފާގެ ބާޒާރަކީ ކަންބޮޑުވުން އޮތް ދާއިރާއެކެވެ.
އެމެރިކާގެ މަރުކަޒީ ބޭންކުން ލޯނު ނެގުން އަގުބޮޑު ކުރުމަށްޓަކައި އެތައް ފަހަރަކު އިންޓަރެސްޓް ރޭޓް މަތިކުރި ނަމަވެސް، މަސައްކަތްތެރިންނަށް އޮތް ޑިމާންޑު އަދިވެސް އިތުރެވެ. ނަތީޖާއެއްގެ ގޮތުން އުޖޫރަ ބޮޑުވުމުން ހަރަދުތައް އިތުރުވެ، އިންފްލޭޝަން މަތިވެދާނެތީ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވަޒީފާދޭ ފަރާތްތަކުން 223،000 މަސައްކަތްތެރިން މިދިޔަ މަހު އިތުރުކޮށްފައިވާއިރު، މިއީ ނޮވެމްބަރު މަހު އިސްލާހުކުރި 256،000 އަށް ވުރެ ދަށް އަދަދެއް ނަމަވެސް މިއީ އަދިވެސް ދިރާސާކުރާ ފަރާތްތަކުން ލަފާކުރި އަދަދަށް ވުރެ އިތުރު އަދަދެއްކަމަށް ލޭބަރ ޑިޕާޓްމަންޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އިންޓްރެސްޓް ރޭޓް މައްޗަށް ދިއުމުން ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވުނު ނަމަވެސް، އެމެރިކާގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ %3.5 އަށް ދަށްވެފައެވެ. ނަމަވެސް ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ގަޑިއަކު ލިބޭ އެވްރެޖް އާމްދަނީ މިދިޔަ މަހު 9 ސެންޓް ނުވަތަ %0.3 އަށް އިތުރުވެ 32.82 އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް ސަރުކާރުގެ އެ ރިޕޯޓުގައިވެއެވެ. މިއީ ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެ ތަންކޮޅެއް މަދު އަދަދެކެވެ.
ޖުމްލަކޮށް ބަލާއިރު ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ގަޑިއަކު ލިބޭ އާމްދަނީ %4.6 އަށް އިތުރުވެފައިވާ ކަމަށް ލޭބަރ ޑިޕާޓްމަންޓުން ބުނެފައިވެއެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މަސައްކަތްތެރިންގެ ދަތިކަން ކުރިމަތިވެފައިވާ ގިނަ ކުންފުނިތަކުން މަސައްކަތްތެރިން ހޯދަން އަންނަނީ މަސައްކަތް ކުރަމުންނެވެ.