ޚަބަރު

ވެލިދޫ ހޮސްޕިޓަލާއި ޖޫނިއަރ ކޮލެޖުގެ މަސައްކަތް ފަށަނީ


ނ. ވެލިދޫ ހޮސްޕިޓަލު ތަރައްޤީކުރުމުގެ މަޝްރޫޢާއި، ޖޫނިއަރ ކޮލެޖު ތަރައްޤީކުރުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ނ.ވެލިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެ ދާއިރާގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި، ކުރިއަށް މިއޮތް ހަފްތާގެތެރޭގައި އެ މަޝްރޫޢު ބަޔަކާއި ކޮންޓްރެކްޓް ކުރެވިގެންދާނެކަމަށެވެ. އަދި މަނަދޫ ހޮސްޕިޓަލުގެ މަސައްކަތްވެސް ކުރިއަށްއޮތް 2 ހަފްތާގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެލިދޫއަކީ ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެރަށަށް ޚާއްސަކޮށްގެންވެސް ބައެއް ވަޢުދުތައް ސަރުކާރުން ވެފައިވާނެކަމަށެވެ.

އެގޮތުން ޖޫނިއަރ ކޮލެޖު ތަރައްޤީކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް އެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވެލިދޫ މަގުހެދުމުގެ މަޝްރޫޢަށް ރައްޔިތުންނާއި ކައުންސިލުން ބޭނުންވާ ބަދަލުތައް ހިމަނާ، އިތުރު މަގުތައް ތަރައްޤީކުރެވިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކެމްޕޭނަށް އަޅުގަނޑު މިރަށަށް އަންނައިރު ޖޫނިއަރ ކޮލެޖުގެ މަސައްކަތް ފެށިފައި އޮންނާނެ. މަގުހެދުން މިހާރުވެސް ކުރިއަށްއެބަދޭ. މިހާރު ކުރިއަށްދާ މަަސައްކަތްތައް ނިމުމާއެކު ދެވަނަ ފޭސްގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ އިތުރު މަގުތައްވެސް ހެދިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވެލިދޫގައި އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށެވެ. އަދި މިވަގުތު ރަށަށް އެންމެ ބޭނުންޖެހިފައިވާ އެއް ކަމެއްގެގޮތުގައި ރަށުގެ ޒުވާނުން ފާހަގަކޮށްފައިވާ ޕިކްނިކް އައިލެންޑެއް ކަންތައްވެސް ކައުންސިލާއި ދާއިރާގެ މެންބަރާއި މަޝްވަރާކޮށް ހަމަޖެހިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ދާއިރާގައި ދެން ހިމެނޭ ދެ ރަށްކަމަށްވާ ފޮއްދޫއާއި ޅޮހީގައިވެސް ބަނދަރާއި، ބޯހިޔާވަހިކަމާއި، ދެންވެސް ހުރި ކަންކަން ކުރިއަށްދާނެކަމަށާއި، ޅޮހީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން އޮނޑިދޯނިފަހަރު އެހެލާނެ ތަނެއްވެސް ތަރައްޤީކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.