ފުވައްމުލައް ސިޓީގައި 400 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށައެޅުމަށް ހުޅުވާލާފައެވެ. ފިނޭނޭސް މިނިސްޓްރީން ވިދާޅުވީ މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ ހޯމަދުވަހުން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/2,100,000ރ (ދެމިލިއަން އެއްލައްކަ ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބިޑުތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
އާބާދީގަައި 12000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މިގޮތުން މީގެ ކުރީ ސަރުކާރުން އެރަށުގައި އަޅާފައިވާ ފްލެޓްތަކުންވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް އަދިވެސް ހައްލެއް ނާދެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވެސް ވަނީ އެރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ނިންމާފައެވެ. މިގޮތުން ދެކުނުގެ ސަރަހައްދުގައި ފަހި ދިރިއުޅުން މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 5000 ހައުސިންގ ޔުނިޓުގެ ތެރެއިން ފުވައްމުލަކުގައި 800 ހައުސިިން ޔުނިޓް އަޅަން ހަމަޖެހިފައިވެއެވެ.
ފުވައްމުލައް ސިޓީގެ އިތުރަށް ފިނޭންސް މިނިސްޓްރީން ވަނީ ޑިޒައިން އެންޑް ބިޑް އުސޫލުން ށ.ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އަނެއްކާވެސް އިޢުލާންކޮށްފައެވެ. ކޮމަންޑޫގައި ފުރަތަމަ ހައުސިން ޔުނިޓްތައް އަޅާނެ ބަޔަކު ހޯދުމަށް އިޢުލާންކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރު ވަނީ އެ ބީލަންތައް ބާޠިލްކޮށް އަލުން ބީލަން ހުށައެޅުމަށް މިމަހުގެ 29 ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ ބިޑްތައް ހުޅުވުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގައިކަމަށެވެ.
ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ށ.ކޮމަންޑޫގައި ޢާއިލާތައް އެއް ކޮޓަރީގައި ދިރިއުޅެ، އެގޮތުގައި އެތައް ޖީލެއް ވަނީ ބޮޑެތިވެފައެވެ. މީގެ ސަބަބުން ރަށުގައި އިޖުތިމާޢީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަމަށް ކޮމަންޑޫ ކައުންސިލުން ފާހަގަކުރައްވައެވެ. މިކަންކަމަށް ޙައްލެއް ގެނެސްދިނުމަށް ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅާލާ ކޮމަންޑޫ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައެވެ.
ސަރުކާރުން ގެންދަނީ އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހުރި ގިނަ ރަށްތަކުގައި ހައުސިން މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. މިގޮތުން މިހާރުވެސް ބައެއް ރަށްތަކުގައި ފްލެޓް ނުވަތަ ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.