ކ. ކަނޑުއޮތްގިރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯގެ މަސް ބަންދުކުރާ ފެކްޓްރީތައް ހަދާފައިވާ ކ.ކަނޑުއޮށްގިރީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގަައެވެ.
މި މަޝްރޫޢުގެ ދަށުން، 10000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 10000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 125 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 265 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
K. Kandu Oiy Giri Harbor Development Project is well underway, with overall 40% project progress. We have completed construction of breakwater.#MTCCProjects #RayyithungeKunfuni pic.twitter.com/FeI60pDyUG
— MTCC Plc (@MTCCPlc) January 9, 2023
ޕީއެސްއެމް ނިއުސްއަށް މީގެކުރިން ދިން އިންޓަރވިއުއެއްގައި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެފައިވަނީ މިހާރު އޮތް ބަނދަރަކީ ކުޑަ ބަނދަރެއްކަމަށާ މަސްކިރުމަށް އަންނަ ބޮޑެތި ކަންނެލި އޮޑިދޯނިފަހަރުތަކަށް ފަޅު ކުޑަކަމުން ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ. އަދި ބަނދަރުގެ ބޮޑުބައެއް ހަލާކުވެފައި އޮތުމުންވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަމަށާއި މިމަޝްރޫޢާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް އަންނާނެކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.
މި މަޝްރޫއަށް 36.13 މިިލިއަން ރުފިޔާގެ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.