ޚަބަރު

ޙަމަދު ބިން ޙަލީފާ އަލް ޘާނީ ސްކޫލްގެ އައު ކްލާސްރޫމް އިމާރާތުގެ މަސައްކަތް ޙަވާލުކޮށްފި


ލ. ގަން، ޙަމަދު ބިން ޙަލީފާ އަލް ޘާނީ ސްކޫލްގެ އައު ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާރުކޮށްފައިވަނީ ވީއަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޙަމަދު ބިން ޙަލީފާ އަލް ޘާނީ ސްކޫލްގެ އައު ކްލާސްރޫމް އިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. އަދި ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ސަދީމް އިބްރާހިމެވެ.

މި މަޝްރޫޢުގެ ދަށުން ޙަމަދު ބިން ޙަލީފާ އަލް ޘާނީ ސްކޫލުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 12 ކްލާސްރޫމުގެ އިމާރާތެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢު އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 13 މަސް ދުވަހުން (400 ދުވަސް) މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

ލ. ގަން، ޙަމަދު ބިން ޙަލީފާ އަލް ޘާނީ ސްކޫލްގެ 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތަށް ގާތްގަނޑަކަށް 13.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.