ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އިޤްތިޞާދު މިއަހަރު ރިސެޝަނަކަށް ހިނގައިދާނެ: ވޯލްޑް ބޭންކް


ދުނިޔޭގެ އިޤްތިޞާދީ ދުވެލި މިއަހަރު މަޑުޖެހި ރިސެޝަނަކަށް ހިނގައިދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

ވޯލްޑް ބޭންކުން މިގޮތަށް ލަފާކޮށްފައި މިވަނީ މަރުކަޒީ ބޭންކުތަކުން އިންޓަރެސްޓް ރޭޓު މަތިކުރުމާއި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ އިތުރުން ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތައް ހީނަރުވަމުން ދިއުމުގެ ސަބަބުންނެވެ.

ދުނިޔޭގެ ޖީޑީޕީ މި އަހަރު ކުރިއަރާނީ %1.7 އަށް ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ. އެ ބޭންކުން މީގެކުރިން ލަފާކޮށްފައިވާ ގޮތުގައި ދުނިޔޭގެ އިޤްތިޞާދީ ދުވެލި %3.0 އަށް ހަލުއިވާނެއެވެ.

2024 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދީ ދުވެލި %2.7 އަށް ހަލުއި ވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ. މިއީ މިދިޔަ އަހަރު ލަފާކޮށްފައިވާ %2.9 އަށް ވުރެ ދަށް އަދަދެކެވެ. އަދި 2022 އާއި 2024 ވަނަ އަހަރާއި ދެމެދު އެވްރެޖްކޮށް އިޤްތިޞާދީ ދުވެލި ހަލުއި ވާނީ %2 އަށް ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

ޔޫރޯ ޒޯނާއި އެމެރިކާގެ މިއަހަރުގެ އިޤްތިޞާދީ ދުވެލި ވެސް %0.5 އަށް މަޑުޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާއިރު، މި ދެ ސަރަހައްދުވެސް ހިމެނޭ ގޮތަށް ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތައް ހީނަރުވެފައިވާތީ އަނެއްކާވެސް ރިސެޝަނަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ވޯލްޑް ބޭންކުން އިތުރަށް ވަނީ ބުނެފައެވެ.

ދުނިޔޭގެ އިޤްތިޞާދީ ހީނަރުކަމާއި އިންފްލޭޝަން މަތިވުމާއި، އިންޓަރެސްޓް ރޭޓު މަތިވެ، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ރިސެޝަނަކަށް ހިނގައިދާނެ ކަމަށް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

ދުނިޔޭގެ އިޤްތިޞާދީ ދުވެލި މިއަހަރު މަޑުޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާއިރު، މިއީ ތަރައްޤީވަމުން އަދި ކުރިއަރަމުން އަންނަ ޤައުމުތަކަށް ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ކުރިއަރަމުން އަންނަ ޤައުމުތަކަށް ވަނީ ދަރަނި ބޮޑުވެ، ފައިސާގެ އަގު ވެއްޓުމާއި އާމްދަނީ ހޯދުމަށްދަތިވެ، އިންވެސްޓްމަންޓްތައްވެސް މަދުވުމާއި ކުރިމަތިވެފައި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

"ވިޔަފާރި އިންވެސްޓްމަންޓްތައް ދަށްވުމަކީ މިހާރުވެސް ހީނަރުވެފައިވާ ތަޢުލީމާއި ޞިއްޙަތާއި ފަޤީރުކަމާއި އުމްރާނީ ތަރައްޤީގެ ދާއިރާވެސް އިތުރަށް ހީނަރުވެގެން ދާނެ ކަމެއް." ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

ޗައިނާގެ އިޤްތިޞާދީ ދުވެލި މިދިޔަ އަހަރު %2.7 އަށް ދަށްވެފައިވާއިރު، މިއީ 1970 ގެ އަހަރުތަކުގެ މެދުތެރެއަށް ފަހު ދެވަނައަށް އެންމެ މަޑު ދުވެލި ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެއެވެ. ޗައިނާގެ މިއަހަރުގެ އިޤްތިޞާދީ ދުވެލި %4.3 އަށް ހަލުއިވާނެ ކަމަށް ލަފާކުރި ނަމަވެސް މިއީ ކޯވިޑުގެ ބަލިމަޑުކަމާއި ބޭރުގެ ޑިމާންޑް ދަށްވުމުގެ ސަބަބުން ޖޫން މަހު ލަފާކުރި ވަރަށް ވުރެ %0.9 ދަށް އަދަދެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ހަކަތައާއި މުދަލުގެ އަގު ދަށްވެ އިންފްލޭޝަންގެ ބައެއް ޕްރެޝަރުތައް ކުޑަވާން ފަށާފައިވާކަން ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ސަޕްލައި އަށް ބުރޫއަރައި ކޯ އިންފްލޭޝަން މަތިވެދާނެކަމުގެ އިންޒާރު އެ ބޭންކުން ވަނީ ދީފައެވެ. މިކަމުގެ ސަބަބުން މަރުކަޒީ ބޭންކުތަކުން މިހާރު ލަފާކޮށްފައިވާ އިންޓަރެސްޓު ރޭޓު އިތުރަށް މަތިކުރުމުން ދުނިޔޭގެ އިޤްތިޞާދީ ހީނަރުކަން އިތުރަށް ގޯސްވެދާނެ ކަމަށްވެސް އެ ވޯލްޑް ބޭންކުން ބުނެއެވެ.

ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާ، ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނާއި، ދަރަނީގެ ދަތިކަމުގެ ނުރައްކާ ބޮޑުވުމާއި ކުރިމަތިލުމަށް މަދުން އާމްދަނީ ލިބޭ ޤައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުން ވަނީ ގޮވާލާފައެވެ.