މިއަހަރުގެ މާރިޗު 31 އަށް ނިމޭ މާލީ އަހަރު އިންޑިއާގެ އިޤްތިޞާދީ ދުވެލި މަޑުޖެހޭނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ލަފާކޮށްފިއެވެ.
އެގޮތުން މި މާލީ އަހަރު ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީ.ޑީ.ޕީ %7 އަށް އިތުރުވުން އެކަށީގެންވާ ކަމަށް އެ ޤައުމުގެ ސްޓެޓިސްޓިކް މިނިސްޓްރީ ބުނެއެވެ. އޭގެ ކުރީ އަހަރު ޖީ.ޑީ.ޕީ ވަނީ %8.7 އަށް އިތުރުވެފައެވެ.
އިޤްތިޞާދީ ދުވެލި %7 އަށް ހަލުއި ވާނެ ކަމަށް ލަފާކޮށްފައިވާއިރު މިއީ ސަރުކާރުން ކުރިން ލަފާކުރި %8-8.5 އަށް ވުރެ ދަށް އަދަދެކެވެ. ނަމަވެސް މަރުކަޒީ ބޭންކުން ލަފާކުރި %6.8 އަށް ވުރެ މަތީ އަދަދެކެވެ.
ސަރުކާރުން އެ އަންދާޒާތައް ބޭނުންކުރަނީ އަންނަ ފެބްރުއަރީ 1 ވަނަ ދުވަހަށް ހަމަވާ ބަޖެޓަށް ކުރިއެރުމާއި މާލީ ޕްރޮޖެކްޝަންތަކުގެ އަސާސެއްގެ ގޮތުގައެވެ. އެއީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައި ބާއްވާ އިންތިޚާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ މަދުން ނޫނީ ނުފެންނަ ތިން ވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ކުރިން އޮންނާނެ އެންމެ ފަހު ބަޖެޓެވެ.
އިންޑިއާގެ އިޤްތިޞާދު ރަނގަޅުވީ މިދިޔަ އަހަރުގެ މެދުތެރޭގައި ކޯވިޑުގެ ބަލިމަޑުކަމާއި ހެދި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ނަމަވެސް ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އިންފްލޭޝަންގެ ޕްރެޝަރުތައް އުފެދި، މަރުކަޒީ ބޭންކުން ވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ގެންގުޅުނު އަލްޓްރާ ލޫސް މަނިޓަރީ ޕޮލިސީ އަނބުރާ ގެންގޮސްފައެވެ.
މަރުކަޒީ ބޭންކުން ވަނީ މެއި މަހުން ފެށިގެން މުހިއްމު އިންޓަރެސްޓް ރޭޓް 225 ބެސިސް ޕޮއިންޓް %6.25 އަށް މަތިކޮށްފައެވެ. މިއީ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އިންޓަރެސްޓް ރޭޓު އެންމެ މަތިވި ފަހަރު ކަމަށާއި މިއަހަރުގެ ކުރީކޮޅު އިންޓަރެސްޓެއް އިތުރަށް މަތިވާނެ ކަމަށްވެސް ބެލެވޭ ކަމަށް ސަރުކާރުން ބުނެއެވެ.
އެކްސްޕޯޓުކުރާ މިންވަރު ދަށްވެ، އިންފްލޭޝަން މަތިވުމުގެ ސަބަބުން ސެޕްޓެމްބަރު މަހުން ފެށިގެން އިގްތިސާދީ މާހިރުން ދަނީ 2022/23 ވަނަ އަހަރުގެ އިގްތިސާދީ ދުވެލި ގާތްގަނޑަކަށް %7 އަށް މަޑުޖެހޭނެ ކަމަށް ލަފާކުރަމުންނެވެ.
ކޮންސްޓްރަކްޝަން ގްރޯތް %9.1 އަށް ކަރަންޓް %9 ށް އަދި ދަނޑުވެރިކަން %3.5 އަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އުފެއްދުންތެރިކަން %1.6 އަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މައިނިންގް ކުރިއަރާނީ %2.4 އަށް ކަމަށް ވަނީ ލަފާކޮށްފައެވެ.
އިންފްލޭޝަން ހިމެނޭ ގޮތަށް އުފެއްދުންތެރިކަން ބަލާ ނޯމިނަލް ކުރިއެރުން 2022/23 ވަނަ އަހަރަށް %15.4 އަށް އަރާނެ ކަމަށް ލަފާކުރާއިރު، މިއީ ކުރިން ލަފާކޮށްފައިވާ %11.1 އަށްވުރެ އިތުރު އަދަދެކެވެ.
އެޗްއެސްބީސީ ސެކިއުރިޓީޒް އެންޑް ކެޕިޓަލް މާކެޓްސްގެ އިޤްތިޞާދީ މާހިރު ޕްރަންޖުލް ބަންޑާރީ ކްލައިންޓުންނަށް ފޮނުވި ނޯޓެއްގައި ވިދާޅުވި ގޮތުގައި އޭޕްރީލް 1 ގައި ފެށޭ މާލީ އަހަރު އިންޑިއާގެ އިޤްތީޞާދީ ދުވެލި ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
އިންޑިއާއަކީ ދުނިޔޭގެ އިޤްތިޞާދުގައި ނިސްބަތުން ފާހަގަކޮށްލެވޭ ޤައުމެއް ނަމަވެސް އިންޑިއާއިން އަދިވެސް އެކްސްޕޯޓު ފުޅާކުރަން ޖެހޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފްގެ އޮފިޝަލަކު ވިދާޅުވިއެވެ.
އޯގަނައިޒޭޝަން އޮފް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް، އޯ.އީ.ސީ.ޑީ އިން ބުނާ ގޮތުގައި ޖީ20 ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ އަވަހަށް ކުރިއަރަމުން އަންނަ އިޤްތިޞާދުގެ ގޮތުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް ބެލެވެއެވެ.