ދުނިޔޭގެ ވިޔަފާރި

އިލެކްޓްރިކް އުޅަނދުތަކުގެ އަގު ޓެސްލާއިން ހެޔޮކޮށްފި


އެމެރިކާއާއި ޔޫރަޕްގައި ޓެސްލާއިން އުފައްދާ އިލެކްޓްރިކް އުޅަނދުތަކުގެ އަގު %20 އާއި ހަމައަށް ދަށްކޮށްފިއެވެ. މިއީ މިދިޔަ އަހަރު ވިއްކަން ވޯލް ސްޓްރީޓުން ލަފާކުރި މިންވަރަށްވުރެ މަދުން އުޅަނދުތައް ވިއްކުމުގެ ސަބަބުން ޑިމާންޑް އިތުރުކުރުމަށް ނިންމި ނިންމުމެކެވެ.

އުޅަނދުތަކުގެ އަގު ހެޔޮކޮށްފައި މި ވަނީ ދުނިޔޭގެ އިގްތިޞާދު ރިސެޝަނަކަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ، މަރުކަޒީ ބޭންކުތަކުން އިންޓަރެސްޓު ރޭޓު މަތިކުރުމުގެ ސަބަބުން ޓެސްލާއިން އުޅަނދުތަކުގެ އަގު ހެޔޮކޮށްފާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އީލޮން މަސްކު ބުނެފައިވާ ވަނިކޮށެވެ.

ސްޓޭބަލް ކޮސްޓް އިންފްލޭޝަނަކީ ވެސް އަގުތައް ދަށްވުމަށް މެދުވެރިވި ސަބަބެއް ކަމަށް ޓެސްލާ ޖަރުމަނުވިލާތުގެ ތަރުޖަމާނަކު ވިދާޅުވިއެވެ. އަދ ޔޫރަޕްގެ މާކެޓްތަކުގައި އުޅަނދުތަކުގެ އަގު ހެޔޮވެފައިވާ ކަމަށްވެސް ތަރުޖަމާނު ވަނީ ކަށަވަރު ކޮށްދީފައެވެ.

އެމެރިކާގައި އުފައްދާ ދުނިޔޭގެ އެންމެ ގިނައިން ވިކޭ މޮޑެލް 3 ސެޑާން އާއި، މޮޑެލް ވައި ކްރޮސްއޯވަރ އެސްޔޫވީ، އިންވެސް ވަނީ އެ އުޅަނދުތަކުގެ އަގު %6 އާއި %20 އާއި ދެމެދުގެ އަދަދެއް ކަމަށް ހެޔޮކޮށްފައިކަމަށް އިއުލާންކޮށްފައެވެ.

އެހެންކަމުން މޮޑެލް ވައިގެ ވަރޝަންގެ އަގު މިހާރު 52،990 ޑޮލަރަށް ހުރިއިރު، މިއީ ކުރިން ހުރި 65،990 އެމެރިކާ ޑޮލަރަށް ވުރެ ދަށް އަދަދެކެވެ. އަދި މިއީ އިލްކެޓްރިކް އުޅަނދުތަކުން 7500 އެމެރިކާ ޑޮލަރު ނަގާ ފެޑެރަލް ޓެކްސް ކްރެޑިޓް އުސޫލަށް ޖެނުއަރީ މަހު އަމަލު ކުރަން ފެށުމުގެ ކުރިން ހުރި އަގެވެ.

ޓެސްލާއިން ވަނީ އެމެރިކާގައި އުފައްދާ މޮޑެލް އެކްސް ލަގްޒަރީ ކްރޮސްއޯވަރ އެސްޔޫވީ އާއި މޮޑެލް އެސް ސެޑާންގެ އަގުތައް ވެސް ހެޔޮކޮށްފައެވެ. ޖަރުމަނުވިލާތުގައި މޮޑެލް 3 އާއި މޮޑެލް ވައިގެ އަގުތަކަށް ބަލާއިރު ގާތްގަނޑަކަށް %1 އާއި %17 އާއި ދެމެދުގެ މިންވަރަކަށް ކުޑަކޮށްފައިވެއެވެ. މީގެއިތުރުން އޮސްޓްރިއާ، ސްވިޒަލޭންޑް އަދި ފްރާންސްގައިވެސް އެ އުލަނދުތަކުގެ އަގުތައް ވަނީ ހެޔޮކޮށްފައެވެ. އިލެކްޓްރިކް އުޅަނދުގެ އަގު ޓެސްލާއިން ހެޔޮކުރުމުގެ ސަބަބުން އިލެކްޓްރިކް ކާރުތަކުގެ އަގު އާންމުންނަށް އަގުހެޔޮކޮށް ލިބޭނެއެވެ.