ޚަރަދު ކުޑަކުރުމުގެ ގޮތުން ސްރީލަންކާގެ އަސްކަރިއްޔާއިން ގިނަ ޢަދަދެއްގެ ސިފައިން މަދުކުރަން ނިންމާފައިވާ ކަމަށް އެ ޤައުމުގެ ޙާރިޖީ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
ލަންކާއިން މިގޮތަށް ނިންމާފައި ވަނީ އެ ޤައުމުގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ ކާރިސާއާ ގުޅިގެން ޚަރަދުތައް ކުޑަކުރުމަށެވެ.
ބަނގުރޫޓުވެފައިވާ ޤައުމުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، އަންނަ އަހަރުގެ ނިޔަލަށް އަސްކަރިއްޔާގެ ސިފައިންގެ ޢަދަދު 3 ބައިކުޅަ އެއްބައި މަދުކޮށް، 135،000 އަށް ކުޑަކޮށް އަދި 2030 ވަނަ އަހަރު 100،000 އަށް މަދުކުރާނެ ކަމަށް ޑިފެންސްގެ ސްޓޭޓް މިނިސްޓަރަކު ވަނީ ވިދާޅުވެފައެވެ.
"އަސްކަރީ ޚަރަދަކީ އަސާސީ ގޮތުން ދައުލަތުން ކުރާ ޚަރަދެއް ކަމަށާއި އެއީ ނުސީދާ ގޮތެއްގައި ޤައުމީ އަދި އިންސާނީ ސަލާމަތަށް ޔަޤީންކަން ދިނުމުގެ ގޮތުން އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ޚަރަދެއް" ޕްރިމިތާ ބަންޑާރަ ތެންނާކޫން ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
އެކަމުގެ މަޤްޞަދަކީ 2030 ވަނަ އަހަރުގެ ކުރިން "ޓެކްނިކަލީ އަދި ޓެކްޓިކަލީ ހަރުދަނާ އަދި ހަމަހަމަ" އަސްކަރިއްޔާއެއް އުފެއްދުން ކަމަށް ތެނަކޫން ވިދާޅުވިއެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގައި ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ކުރިމަތިވެ، އިންފްލޭޝަން ވަރަށް ބޮޑަށް މައްޗަށް ދިއުމަށްފަހު މަޑުމަޑުން އަންނަނީ ރަނގަޅު ވަމުންނެވެ. މިދިޔަ އަހަރު ބޭރު ފައިސާގެ ރިޒާވް ހުސްވެ، އިޤްތިޞާދީ ބޮޑު ކާރިސާއަކަށް ޤައުމު ވެއްޓުމާއި ގުޅިގެން ސަރުކާރުން ވަނީ ޚަރަދުތައް ކުޑަކޮށްފައެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ބެއިލްއައުޓް ޕެކޭޖަށް ރުހުން ހޯދުމުގެ ގޮތުން ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ޓެކްސް ބޮޑުކޮށް، ޚަރަދުތައް ވަރަށް ބޮޑަށް ކުރައްވާފައެވެ.
ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ލަންކާގެ ސިފައިންގެ ޢަދަދު އެންމެ މައްޗަށް ގޮސްފައިވަނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށެވެ. އެއީ 317،000 ސިފައިންނާ ހަމައަށެވެ. އެއީ، 25 އަހަރު ކުރި ދާހިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނުތާ 10 ވަރަކަށް އަހަރު ފަހެވެ.
ލަންކާގެ ދައުލަތުގެ ޖުމްލަ ޚަރަދުތަކުގައި ދިފާއީ ދާއިރާގެ ހިއްސާ 2021 ވަނަ އަހަރު އެންމެ މައްޗަށް ގޮސްފައިވަނީ ޤައުމީ އުފެއްދުންތެރިކަމުގެ %2.3 އަށެވެ. ނަމަވެސް، އެ ޢަދަދު މިދިޔަ އަހަރު %2 އަށް ވެއްޓުނުކަމަށް ކޮލަމްބޯގެ ތިންކް ޓޭންކް ވެރިޓަސް ރިސާރޗުން ބުނެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސަލާމަތީ ބާރުތަކުގެ މުވައްޒަފުންނަށް ދޭ މުސާރައަކީ ދައުލަތުގެ މުސާރައިގެ ބިލުގެ ދެބައިކުޅަ އެއް ބައެވެ. ލަންކާ އިން މި ހަފުތާގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ މުވައްޒަފުންނާއި ޕެންޝަނަށް ފައިސާ ދެއްކޭ ވަރަށް އާމްދަނީ އެއް ނުލިބެއެވެ.
މިދިޔަ އަހަރު ލަންކާގެ އިގްތިސާދީ ދުވެލި ވަނީ %8.7 ށް މަޑުޖެހިފައެވެ. މިއާއި އެކު، ދިގު މުއްދަތަކަށް ކަރަންޓު ކެނޑުމާއި ޕެޓްރޯލް ހޯދަން ދިގު ކިޔޫތަކެއް ޖެހުމާއި ފިހާރަތަކުން މުދާ ހުސްވުމާއި އިންފްލޭޝަން އޮބި ނޯންނަ ވަރަށް މައްޗަށް ދިޔައެވެ.
މި މައްސަލަ އެންމެ ބޮޑުވީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އަދި އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ދިރިއުޅުއްވި ރަސްމީ ގެއަށް މުޒާހަރާގެ ބައިވެރިން ވަދެގަތުމާ ގުޅިގެން، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގައުމު ދޫކޮށް އޭނާ ވަޑައިގަތުމަށް ފަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.