ދ. މާއެނބޫދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނަޢީމްއެވެ. ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަޙްމަދު ރަމީޒްއެވެ.
މާއެނބޫދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގެ ނުނިމި ހުރި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 1 އަހަރުދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތަށް ދަޢުލަތުގެ ބަޖެޓުން 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ.
ދ.މާއެނބޫދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން. މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށް، 10,946,247.29ރ އަށް، ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ. pic.twitter.com/O1GsHRyd01
— Ministry of Education (@MoEdumv) January 15, 2023
ދ. މާއެނބޫދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް އިމާރާތްކުރުމަށްޓަކައި 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައިވަނީ މާރިސް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ 7 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިމަލްޓިޕާޕަސް ހޯލަކީ 500 ކުދިންގެ ޖާގައިގެ ހޯލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އޭރު ވަނީ ވިދާޅުވެފައެވެ. އަދި މި ހޯލްގައި އިލެކްޓްރިކް ރޫމާއި، 2 ޗޭންޖިންގ ރޫމާއި، 4 ފާޚާނާއާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ފާޚާނާއަކާއި، ސްޓޯރޫމާއި، ރޭމްޕްވެސް ހިމެނެއެވެ.