މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓް ފޯމް ޓްވިޓަރ އިންކް އިން އަނެއްކާވެސް މުވައްޒަފުން މަދުކުރަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އެގޮތުން ކުރިއަށް އޮތް ހަފްތާތަކުގައި ސޯޝަލް މީޑިއާ ސައިޓްގެ ޕްރޮޑަކްޓް ޑިވިޝަންގެ 50 މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް ނިއުސް ސައިޓް އިންސައިޑާ އިންވަނީ ރިޕޯޓްކޮށްފައެވެ.
ވަޒީފާތައް މަދުކުރަން ނިންމާފައި މިވަނީ، މީގެކުރިން އެކުންފުނިން ވަޒީފާތައް މަދުކުރުމަށްފަހު ދެން ވަޒީފާތައް މަދުނުކުރާނެ ކަމަށް ކުންފުނީގެ ވެރިޔާ އީލޮން މަސްކް ބުނިތާ 6 މަސް ފަހުންނެވެ. މިވަޒީފާތައް މަދުކުރުމުން ކުންފުނީގެ މުވައްޒަފުންގެ އަދަދު 2000އަށް ވުރެ ދަށްވާނެ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.
މިކަމާއި ގުޅިގެން ޓުވިޓަރ އިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޓުވިޓަރ އާއި ހަވާލުވި މަސްކް ވަނީ ކުންފުންޏަށާއި، ކުންފުނީގެ އުފެއްދުންތަކަށް ގިނަ ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން ޓުވިޓަރ އިން ވަނީ ވެރިފައިޑް ބްލޫ ޗެކްމާކަކީ ފައިސާ ދައްކަންޖެހޭ ޚިދުމަތެއްގެ ގޮތުގައި ތައާރަފްކޮށް، ގާތްގަނޑަކަށް %50 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.
ގިނަ ކުންފުނިތަކަކުން ޓުވިޓަރގައި އިޝްތިހާރު ކުރުން ހުއްޓާލުމުން ޓުވިޓަރގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މިދިޔަ ނޮވެމްބަރު މަހު މަސްކް ވަނީ ބުނެފައެވެ. އެގޮތުން ހަތަރު ވަނަ ކުއާޓަރުގައި ޓުވިޓާގެ އާމްދަނީ ވަނީ ގާތްގަނޑަކަށް %35 އަށް ދަށްވެފައިވާ ކަމަށް އޮންލައިން ޕަބްލިކޭޝަން ދަ އިންފޮމޭޝަން އިންވަނީ ބުނެފައެވެ. ކޮންޓެންޓް މޮޑެރޭޝަން ޑިވިޝަންގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ހިމެނޭ ގޮތަށް މިހާތަނަށް ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ޓުވިޓަރ އަށް އަންނަނީ އަމާޒު ވަމުންނެވެ.
ޓުވިޓަރއާ ހަވާލުވުމަށްފަހު ޕްލެޓްފޯމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބަދަލުތަކެއް ގެންނާނެކަމަށް މަސްކު ވަނީ ބުނެފައެވެ.