ދުނިޔޭގެ ވިޔަފާރި

ޕާމް އޮއިލްގެ އަގު މިއަހަރު ދަށަށް ދާނެ ކަމަށް ލަފާކޮށްފި


އުފެއްދުންތެރިކަން އިތުރުވުމާއެކު މެލޭޝިއާގެ ޕާމް އޮއިލްގެ އަގު ތިން އަހަރަށް ފަހު ފުރަތަމަ ފަހަރަށް މިއަހަރު ދަށްވާނެ ކަމަށް ރޮއިޓާސް ނޫހުގެ ޕޯލަކުން ދައްކައިފިއެވެ. މެލޭޝިޔާގައި ޕާމް އޮއިލްގެ އަގު ދަށްވި ނަމަވެސް ޕާމް އޮއިލް ދެން އެންމެ ގިނައިން އުފައްދާ އިންޑޮނޭޝިއާ އިން ޕާމް އޮއިލް ސަޕްލައި އިތުރު ކުރުމަށް ނިންމާފައި ނުވާ ކަމަށް އެޕޯލުން ދައްކައެވެ.

ޕާމް އޮއިލްގެ އަގު މިއަހަރު އެވްރެޖްކޮށް ހުންނާނީ ޓަނެއް 3،800 ރިންގިޓް ކަމަށާއި، މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު %23 ދަށް އަގެއް ކަމަށް ރޮއިޓާސް ނޫހުން ބުނެއެވެ. މިދިޔަ އަހަރު ޕާމް އޮއިލް ޓަނެއްގެ އަގަކީ 4،910 ރިންގިޓެވެ.

ޕާމް އޮއިލް އެންމެ ގިނައިން އުފައްދާ ދެ ގައުމު ކަމަށްވާ، އިންޑޮނޭޝިއާ އާއި މެލޭޝިއާގެ އުފެއްދުންތެރިކަން ކުޑަކޮށް މަތިވާނެ ކަމަށް ބެލެވޭ ކަމަށް ރޮއިޓާސްގެ ޕޯލުން ދައްކައެވެ. އެގޮތުން އިންޑޮނޭޝިއާގެ އުފެއްދުންތެރިކަން މިއަހަރު %2.1 ށް އިތުރުވެ 48 މިލިއަން ޓަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިދިޔަ އަހަރު 46.87 މިލިއަން ޓަނުގެ ޕާމް އޮއިލް އިންޑޮނޭޝިއާ އިން ވަނީ އުފައްދާފައެވެ. އަދި މެލޭޝިއާގެ އުފެއްދުންތެރިކަން 19 މިލިއަން ޓަނަށް އަރާއިރު، މިއީ މިދިޔަ އަހަރު އުފެއްދި 18.45 މިލިއަން ޓަނަށްވުރެ ވުރެ %3 އިތުރު އަދަދެކެވެ.

ޗައިނާ އާއި އިންޑިއާ އަކީ ދުނިޔޭގައި ޕާމް އޮއިލް އެންމެ ގިނައިން ގަންނަ ދެ ގައުމެވެ.