ރާއްޖެއިން ޗައިނާ ފަތުރުވެރިންނަށް ކީ މަރުހަބާއަށް ޗައިނާގެ މީޑިއާތަކުގައި ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
ކޯވިޑަށްފަހު ޗައިނާ އާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފަށާފައިވަނީ މިމަހުގެ 18ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް އައިސްފައިވާ ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއަރލައިނަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންނަށް ސަގާފީ ހަރަކާތްތަކާއިއެކު ކީ މަރުހަބާ ޗައިނާގެ މީޑިއާގެ ސަމާލުކަމަށް އައިސްފައިވާއިރު، މިކަމާއި ގުޅޭ ޚަބަރުތައް ގިނަ ޢަދަދެއް މީހުންވަނީ ކިޔާފައެވެ. އެގޮތުން ޗައިނާގެ ޝިންހުއާ ނިއުސް އެޖެންސީއިން ގެނެސްދިން ޚަބަރު 3 ގަޑިއިރުތެރޭގައި މިލިއަނަކަށްވުރެ ގިނަ މީހުން ކިޔާފައިވެއެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން މައުލޫމާތުދޭގޮތުގައި، ރާއްޖެއަށް އައި ޗައިނާ ފަތުރުވެރިންނަށް ކީ މަރުހަބާއާއި ގުޅޭ ޚަބަރުތައް ޗައިނާގެ ބޮޑެތި މީޑިއާތައް ކަމުގައިވާ، ޕީޕަލްސް ޑޮޓު ޗައިނާ، ޝިންހުއާނެޓު، ޗައިނާ ނިއުސް، ގްލޯބަލް ނިއުސްއިން ގެނެސްފައިވައިރު، މި ޚަބަރުވެފައިވަނީ އެންމެ ގިނައިން އިންޓަރނެޓުގައި ސަރޗުކޮށްފައިވާ ޚަބަރަށެވެ.
Chinese Media Pay Much Attention to the Maldives’
— Embassy of China in Maldives (@ChinaEmbassy_MV) January 21, 2023
Warm Welcoming Chinese Tourists.
1/5 On Jan. 18, 2023, the Maldives held a warm welcome ceremony for the first Chinese direct flight carrying 198 Chinese tourists in VIA. pic.twitter.com/dEiWQlMdz6
ކޯވިޑަށްފަހު ޗައިނާއާއި ރާއްޖެއާ ދެމެދު އަލުން ދަތުރުތައް ފެށިއިރު، ފުރަތަމަ ފްލައިޓުންވެސް 198 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ޗައިނާގައި ދަތުރުކުރުމަށް އެޅި ފިޔަވަޅުތަކާއެކު މިވީ 3 އަހަރު ތެރޭގައި ރާއްޖެއަށް ޗައިނާއިން އެއްވެސް ވަރަކަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.
ބެއިޖިންގ ކެޕިޓަލް އެއަރލައިންގެ އިތުރުން، ޗައިނާގެ އިތުރު 2 އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޗައިނާ އީސްޓަން އެއަރލައިން އާއި ހޮންގްކޮންގ އެއަރލައިންއެވެ.
ޗައިނާ އީސްޓަން އެއަރލައިނުން ދަތުރުތައް ކުރާނީ މިޖެނުއަރީ މަހުގެ 28 އިން މާރޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުތައް ކުރާނީ ޝަންހާއީ ޕުޑޮންގ އިންޓަރނޭޝަނަލް އެއަރޕޯޓުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ 232 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. މި އެއަރލައިނުން ހަފްތާއަކު 1 ދަތުރުކުރާނެއެވެ.
މިމަހު ހޮންގކޮންގ އެއަރލައިނުން ރާއްޖެއަށް ދަތުރުފަށާއިރު މިދަތުރުތައް ކުރާނީ މާރޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއަރލައިނުން ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރާނީ ހޮންގކޮންގ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ 292 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.
ޗައިނާ ފަތުރުވެރިން އަލުން ރާއްޖެއަށް ޒިޔާރަތްކުރަން ފެށުމާއެކު، މިއަހަރު ސަރުކާރުން ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒު %10އަށް އިތުރުވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ. ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރު ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިންގެ އަމާޒެކެވެ.