ދުނިޔޭގެ ވިޔަފާރި

ދިފާއީ ބަޖެޓް ބޮޑުކުރުމަށް ފަރަންސޭސި ރައީސް ހުށަހަޅުއްވައިފި


ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ނުރައްކާތަކަށް ތައްޔާރުވެ ތިބުމަށް ފަރަންސޭސިވިލާތުގެ ދިފާއީ ބަޖެޓް ބޮޑުކުރުމަށް އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޯނަށް ހުށައަޅުއްވައިފިއެވެ. އެގޮތުން މިހާރު ދިފާއުއަށް ޚަރަދު ކުރަމުން އަންނަ 295 ބިލިއަން ޔޫރޯ 2024 އިން ފެށިގެން 2030 ގެ ނިޔަލަށް 413 ބިލިއަން ޔޫރޯއަށް އިތުރު ކުރެއްވުމަށް މެކްރޯން ވަނީ ހުށައަޅުއްވާފައެވެ.

ފަރަންސޭސިވިލާތުގެ ހުޅަނގު ދެކުނުގައި އޮންނަ މޮންޓް-ޑި-މާސާން އެއާބޭސްގައި ތިބި ސިފައިންނާ ވާހަކަދައްކަވަމުން މެކްރޯން ވިދާޅުވީ އެންމެ ފުރަތަމަ، ފްރާންސްގެ ހަތިޔާރު އެޅި ފައުޖުތައް ވަރުގަދަ ކުރަން ޖެހޭކަމަށެވެ. އެއަށްފަހު މި ފައުޖުތަކަށް ބަދަލުތައް ގެންނަން ޖެހޭކަން މެކްރޯން ފާހަގަކުރެއްވިއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށުމާއިއެކު ހުޅަނގުގެ ގައުމުތަކުން އަންނަނީ އަސްކަރީ ޚަރަދުތައް މުރާޖަޢާކޮށް ގިނަ ހާލަތްތަކުގައި މި ޚަރަދުތައް އިތުރުކުރަމުންނެވެ. ރަޝިޔާއިން ޔޫކްރެއިނަށް އެރުމާއެކު، ފިނި ހަނގުރާމައިގެ ފަހުން ލިބިފައިވާ "ސުލްހަމަސަލަަސްކަމުގެ ފާގަތިކަން" މިހާރު ނެތްކަމަށާއި އަޒުމަކީ ފަރަންސޭސިވިލާތުގެ މިނިވަންކަމާއި ސަލާމަތާއި މުއްސަނދިކަމާއި ހައިބަތު ދުނިޔޭގައި ދެމެހެއްޓުން ކަމަށް މެކްރޯން ވިދާޅުވިއެވެ.

މެކްރޯން އިތުރުކުރަން ހުށައަޅުއްވާފައިވާ ހަރަދުތަކުގައި ހިމެނޭ މުހިންމު އެއްބަޔަކީ އަސްކަރީ އިންޓެލިޖެންސް ބަޖެޓު %60 މައްޗަށް ޖެއްސުމެވެ. މި ބަދަލާއިއެކު، ވަރުގަދަ ހަމަނުޖެހުންތަކާއި ކުރިމަތިލުމަށް ޑްރޯންތަކަށް އިންވެސްޓުކޮށް، ސައިބާ ހަނގުރާމައާއި ވައިގެ ދިފާއީ ނިޒާމުތައް ވަރުގަދަ ކުރުންވެސް ހިމެނެއެވެ.

އަސްކަރީ ބަޖެޓު އިތުރުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ޖަޕާން، ސްވިޑެން އަދި ފިންލެންޑް ހިމެނެއެވެ.

ރަޝިޔާއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން މުޅި ޔޫރަޕްގައި ދިފާއީ އިސްކަންދޭ ކަންކަމަށް ބަދަލު އައިސްފައިވާއިރު، ސްވިޑެން އާއި ފިންލޭންޑުން ވަނީ ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތުގެ ތެރެއިން އަސްކަރީ ބަޖެޓް ވަރަށް ބޮޑަށް އިތުރުކުރާނެ ކަމަށް އިއުލާންކޮށްފައެވެ. ހުޅަނގުގެ އަސްކަރީ އިއްތިހާދުގެ މެމްބަރުން ވަނީ 2024 ވަނަ އަހަރުން ފެށިގެން އިގްތިސޞާ އުފެއްދުންތެރިކަމުގެ މަދުވެގެން %2 ދިފާޢީ ދާއިރާއަށް ޚަރަދުކުރުމަށް އެއްބަސްވެފައެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާ ޔުކްރެއިން ހަނގުރާމައަށް ފެށިތާ ދުވަސްތަކެއް ފަހުން ޖަރުމަނުވިލާތުންވެސް ވަނީ ބަޖެޓުން އިތުރު 100 ބިލިއަން ޔޫރޯ ހަތިޔާރު އެޅި ސިފައިންނަށް ޚަރަދު ކުރުމަށް ވައުދުވެފައެވެ.

ޖޫން މަހު އިނގިރޭސިވިލާތުން ވަނީ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ވެރިކަމުގައި ޖީޑީޕީގެ %2.5 އަށް ޚަރަދުތައް އިތުރުކުރުމަށް ވައުދުވެފައެވެ. މިދިޔަ މަހު ޖަޕާނުން ވަނީ ޑިފެންސް ބަޖެޓް ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެއީ ޗައިނާ އާއި އުތުރު ކޮރެއާގެ އިންޒާރުތަކާ ގުޅިގެންނެވެ.