ކުޅިވަރު

ފީފާއިން ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑްކޮށްފި


ފުޓްބޯޅައިގެ މައި ޖަމުއިއްޔާ ފީފާއިން ވަކިގޮތެއް އަންގަންދެން ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑްކޮށްފިއެވެ.

ފީފާގެ ސެކްރެޓަރީ ޖެނެރަލް ފާތުމާ ސަމޯރާ ސޮއިކޮށް އާންމު ކުރި ސިޓީއެއްގައި ހާމަކޮށްފައިވާގޮތުގައި ލަންކާއަށް ވަނީ މެމްބަރޝިޕްގެ ހައްގު ގެއްލިފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް މިސިޓީގައި ސަސްޕެންޑް ކުރި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މިސަސްޕެންޝަނުގެ ސަބަބުން ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ މަންދޫބުންނަށާއި ކްލަބް ޓީމްތަކަށް ސަސްޕެންޝަން އުވާލަންދެން ބައިނަލްއަޤްވާމީ އެއްވެސް މުބާރާތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ. މީގެތެރޭގައި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެއްވެސް މެންބަރަކާއި އޮފިޝަލުންވެސް ހިމެނޭނެކަން ހާމަކޮށްފައިވެއެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން މިވަގުތު އުޅެނީ ކޯޓް މަރުހަލާއެއްގެ ތެރޭގައެވެ. އެއީ އެފެޑެރޭޝަންގެ ކުރީގެ ރައީސް ޖަސްވާރު އުމަރަށް އެންމެފަހުން ބޭއްވި އިންތިހާބްގައި ބައިވެރިނުވެވޭގޮތަށް ނިންމާފައިވުމާއި ގުޅިގެން، އަލުން އާ އިންތިހާބެއް ބާއްވާ ދިއުމަށް އެޤައުމުގެ ކުޅިވަރާބެހޭ ވަޒީރަށް އަމުރެއް ނެރެދިނުމަށް ކޮޓް އޮފް އެޕީލަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެންނެވެ.

ކޯޓް އޮފް އެޕީލްއިން ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަމަށް އަލަށް ހޮވުނު ޖޭ ސްރީ ރަންގާއަށް މަގާމާ ހަވާލުނުވެވޭގޮތަށް ވަގުތީ އަމުރެއް އެންމެ ފުރަތަަމަ ނެރުނު ނަމަވެސް ފީފާގެ ފަރާތުން ސަސްޕެންޝަނެއް އަތުވެދާނެތީ އެނިންމުން ވަނީ އަބުރާ ގެނެސްފައެވެ. އަދި އެކޯޓުގެ ދެން އޮންނަ އަޑުއެހުމެއް އޮންނާނީ މިއަންނަ މަހުގައިކަމަށްވެސް ހާމަކޮށްފައިވެއެވެ.