ކުޅިވަރު

ގެޓާފޭ އަތުން ބާސާއަށް މުހިންމު މޮޅެއް


ސްޕެނިޝް ލީގުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ބާސާއަށް ކާމިޔާބުކޮށްދިނީ ޕެޑްރީއެވެ.

މިމެޗްގައި ސަސްޕެންޝަންގެ ސަބަބުން ރޮބަޓް ލެވަންޑޯސްކީ އާއި ފެރާން ޓޯރޭޒްއަށް ނުކުޅެވުނެވެ. ލެވަންޑޯސްކީގެ ޖާގަ މިމެޗްގައި ފުރުމަށް މަސައްކަތް ކޮށްފައިވަނީ އަންސޫ ފާޓީއެވެ. ނަމަވެސް އޭނާއަށް މިމެޗްގައި މާއެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ.

މިމެޗްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ގެޓާފޭއިން މިމެޗްގައި ރަނގަޅަށް ޑިފެންސް ކުރުމުން ބާސާއަށް ލިބިގެންދިޔަ ގިނަ ފުރުސަތުތައް ބޭކާރުވެގެންދިޔައެވެ. އަދި ގެޓާފޭއިން އުފެއްދި ދެހަމަލާއެއް ބާސާގެ ގޯލްކީޕަރ މާކް އަންޑްރޭ ޓަރ ސްޓޭގެން ވަނީ ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ބާސާއިން ވަނީ އެޓީމަށް ލީގު ތާވަލްގައި ލިބިފައިވާ ތިން ޕޮއިންޓްގެ ލީޑު އަނެއްކާވެސް ދަމަހައްޓާފައެވެ. އެގޮތުން ބާސާއަށް މިހާރުވަނީ ކުޅުނު 17 މެޗުން 44 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގާ އުޅޭ ރެއާލް މެޑްރިޑަށް ލިބިފައިވަނީ 41 ޕޮއިންޓެވެ. އަދި ގެޓާފޭ އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.