ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އައު ވެބްސައިޓް ލޯންޗްކޮށްފި


ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އައު ވެބްސައިޓް މިއަދު ލޯންޗްކޮށްފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ވިދާޅުވީ، ކުރީގެ ވެބްސައިޓާއި ޚިލާފަށް އަލަށް ތައާރަފްކުރި ވެބްސައިޓުގައި ގިނަ ފީޗަރތައް އެކުލެވިގެން ވާނެއެވެ. އަދި މި ވެބްސައިޓަކީ އާންމުންނާއި، ކުޑަކުދިންނާ ގުޅޭނެހެން ޒަމާނީ ގޮތަށް ފަރުމާކުރެވިފައިވާ ވެބްސައިޓެއްކަމަށާއި، މިފަހަރުގެ ވެބްސައިޓު ފަރުމާ ކޮށްފައި ވަނީ ވެބްސައިޓު ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށްކަމަށެވެ.

އެގޮތުން މި އޮފީހަށް ވެބްސައިޓު މެދުވެރިކޮށް ފަސޭހަކަމާއެކު މައްސަލަ ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި، އެ އޮފީހަށް އޮންލައިންކޮށް މެސެޖެއް ފޮނުވަން ބޭނުންނަމަ އެކަންވެސް ވެބްސައިޓް މެދުވެރިކޮށް މިހާރު ކުރެވޭނެކަން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ފާހަގަކުރައްވައެވެ.

މި ވެބްސައިޓް ލޯންޗްކޮށްފައިވަނީ ދިވެހި ބަހުގެ އިތުރުން ވެބްސައިޓުގެ އިންގްލިޝް އެޑިޝަނާއެކުއެވެ. އަދި ކުދިންނާއި ގުޅޭ އެޑިއުކޭޝަން މެޓީރިއަލްތައްވެސް މިފަހަރުގެ ވެބްސައިޓުގައި ހިމަނާފައިވެއެވެ. އެގޮތުން އޮފީހުގެ ފަރާތުން ކުޑަކުދިންނަށް އަމާޒުކޮށްގެން ޑިޒައިންކޮށްފައިވާ ކުލަ ޖައްސާ ފޮތް ވެބްސައިޓު މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

މިފަހަރު ލޯންޗްކުރެވުނު ވެބްސައިޓަކީ މައުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހެދުމަށްޓަކައި ކުޑަކުދިންގެ ހައްޤުތަކާއި، ކުޑަކުދިންގެ ޙައްޤުތަކާއި ގުޅިގެން ދައުލަތުގެ އިދާރަތަކާއި އަދި އެހެނިހެން ފަރާތްތަކުގެ މައްޗަށް އަންނަ ޒިންމާތަކުގެ މައުލޫމާތު ފަސޭހައިން އެނގޭނެހެން ވެބްސައިޓުގައި ހިމަނާފައިވާނެއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީހަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 23 ޖުލައި 2020 ގައި އުފެދުނު އޮފީހެކެވެ. މި އޮފީހުގެ މައިގަނޑު މަސްޢޫލިއްޔަތުތަކަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އދ.ގެ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ދައުލަތުގެ މުއައްސަސާތައް ޢަމަލުކުރާ މިންވަރު ދެނެގަތުމެވެ. އަދި ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި، މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމާއި، ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިއާކުރުމެވެ.