ދުނިޔޭގެ ވިޔަފާރި

ގުދުރަތީ ޙާދިސާތަކުން ލިބުނު އިޤްތިޞާދީ ގެއްލުން 313 ބިލިއަން ޑޮލަރަށް


ގުދުރަތީ ޙާދިސާތަކުގެ ސަބަބުން މިދިޔަ އަހަރު 313 ބިލިއަން އެމެރިކާ ޑޮލަރުގެ އިޤްތިޞާދީ ގެއްލުން ލިބިފައިވާ ކަމަށް ލަފާކުރާ ކަމަށް އިންޝުއަރެންސް ބްރޯކަރ އެއޮން އޭއޯން.އެން އިން ބުނެފިއެވެ.

މީގެތެރެއިން އިންޝުއަރެންސް ކޮށްފައިވަނީ ދެބައި ކުޅަ އެއްބަޔަށްވުރެވެސް މަދު ހާދިސާއެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އިންޝުއަރެންސް ދާއިރާއިން ކަވަރުކުރާ ގުދުރަތީ ކާރިސާތަކުން ލިބުނު ގެއްލުން 132 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ 21 ވަނަ ގަރުނުގެ އެވްރެޖަށްވުރެ %57 އިތުރު އަދަދެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ފެންބޮޑުވުމާއި ތޫފާން ފަދަ ކާރިސާތަކުގެ އަދަދު އިތުރުވެ 421 ވަކި ވަކި ހާދިސާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ 2000 ވަނަ އަހަރުން ފެށިގެން އެވްރެޖްކޮށް އަހަރަކު ރެކޯޑުކުރާ 396 ހާދިސާ އާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

"އެމެރިކާ ނުވަތަ ޔޫރަޕް ފަދަ ރަނގަޅު އިންޝުއަރެންސް މާކެޓްތައް ހުރި ޤައުމުތަކުގައި އެންމެ ޚަރަދު ބޮޑު ކާރިސާތައް ދިމާވިއިރު، އޭޝިއާ ފަދަ އިންޝުއަރެންސް ކަވަކުރުން މަދު ސަރަހައްދުތަކުގައި ގެއްލުންތައް އެވްރެޖަށް ވުރެ ނިސްބަތުން މާ ދަށް" ކެޓަސްޓްރޯފްގެ ވެރިޔާ މިކަލް ލޮރިންކް އިންސައިޓް އެޓް އެއޮން ރޮއިޓާސް ނޫހަށް ބުންޏެވެ.

އެއޮންގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އިންޝުއަރެންސް ގެއްލުންތަކުގެ %75 އެމެރިކާގައި ހިނގާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފްލޮރިޑާއަށް އައި ތޫފާން އިއަން އާއި ގުޅިގެންނެވެ.

ތޫފާން އިއަން އަކީ އިންޝުއަރެންސް ސެކްޓަރ އަށް މިހާތަނަށް ކުރިމަތިވި ދެވަނައަށް އެންމެ އަގުބޮޑު ގުދުރަތީ ކާރިސާއެވެ. އެއޮން އިން ލަފާކުރާ ގޮތުގައި މިދިޔަ އަހަރު ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގާތްގަނޑަކަށް 31،300 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުން މަރުވެފައިވަނީ ޖޫން މަހާއި ޖުލައި މަހާއި ދެމެދު ޔޫރަޕަށް ކުރިމަތިވި ވަރުގަދަ ހޫނުގަދަ ކަމެއްގެ ސަބަބުންނެވެ.

އޮސްޓްރޭލިއާގައި ފެންބޮޑުވުމާއި ގުޅިގެން އިންޝުއަރެންސް ކޮށްފައިވާ ގެއްލުންތައް ރެކޯޑް އަދަދެއް ކަމަށްވާ، 4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައި ވަނީ ތެތް މޫސުމާއި ގުޅުން ހުރި މޫސުމީ ބަދަލެއް ކަމަށްވާ ލާ ނީނާ މިދިޔަ އަހަރާއި ހަމައަށް އޭގެ އަސަރުތައް ހުރެ މުޅި ގައުމުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުންނެވެ.

ހަމައެފަދައިން ޕާކިސްތާނުގައިވެސް ވިއްސާރަ މޫސުން ކަމަށްވާ، ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެވްރެޖަށްވުރެ %175 އަށް ވިއްސާރަވެފައިވާ ކަމަށް ލޯކަލް މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓާއިހަވާލާދީ އެއޮން އިން ބުންޏެވެ.