ޚަބަރު

ގަރާޖު ހިންގަން ހުޅުމާލެއިން ދޫކުރާ ބިންތައް މާރިޗުގައި ޙަވާލުކުރަނީ


ގަރާޖު ހިންގަން ހުޅުމާލެއިން ދޫކުރުމަށް ނިންމާފައިވާ ބިންތައް އަންނަ މާރިޗު މަހު ޙަވާލުކުރެވޭވަރު ވާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ވިދާޅުވެއްޖެއެވެ.

މާލޭގައި މިވަގުތު ގަރާޖު ހިންގާ ފަރާތްތަކުގެ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް އެޗް.ޑީ.ސީން ހުޅުމާލެއިން ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަމަހުގެ 20 ވަނަ ދުވަހުއެވެ. މިގަރާޖްތައް ބަދަލުކުރުމަށް ހުޅުމާލެއިން 23 ބިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗް.ޑީ.ސީއިން ވިދާޅުވީ، ގަރާޖު ހިންގުމަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިމަހުގެ 2 އަކަށް ހަމަވިއިރު، 200 އަށްވުރެ ގިނަ ފޯމު ލިބިފައިވާކަމަށެވެ. އަދި މިހާރު އެ ފޯމުތައް ބަލާ އިވެލުއޭޓްކުރަމުންދާކަމަށާއި، މި ބިންތައް އަންނަ މާރިޗުމަހު ޙަވާލުކުރެވޭވަރު ވާނެކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.

މާލޭގައި އާންމުން ދިރިއުޅޭ ސަރަޙައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުމަށް، މާލޭގައި މިހާރު ހުރި 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓުގެ ބިން ދޫކުރުމަށް އެޗް.ޑީ.ސީއިން ވަނީ ނިންމާފައެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް އެ ކޯރޕަރޭޝަނުން ވަނީ ނިންމާފައެވެ.

ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް 2 ފަންގިފިލާއަށް އިމާރާތްކުރެވޭނެކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.

މާލޭގައި މިހާރު ހިންގަމުންދާ ގިނަ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަނެވެ. މި ގަރާޖުތަކުގައި ވެލްޑިންގ ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރެއެވެ. އަދި ތަފާތު ކެމިކަލްތައް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތައް ހިނގުން މެދުވެރިވެއެވެ.

އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށްވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ޙައްލެއްކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ. އަދި މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އެޗް.ޑީ.ސީއާއި ސަރުކާރާއި ގުޅިގެން ނިންމި ނިންމުމެއްކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.