ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ބާސާ ޖާގަހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗްގައި ރެއާލް ސޮސިއެޑާޑް އާއި ބައްދަލުކުރިމެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް މިހާފްގައި ސޮސިއެޑާޑްގެ ބްރައިސް މެންޑޭޒް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެހެންކަމުން މިމެޗްގެ ބޮޑު ބައި އެޓީމުން ކުޅެފައިވަނ އެއް ކުޅުންތެރިއެއް މަޑުކޮށެވެ.
މިމެޗްގައި ބާރސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބެލޭއެވެ. މިއީ އޭނާ މިސީޒަންގައި ބާރސާއަށް ކާމިޔާބުކޮށްދިން ހަތްވަނަ ލަނޑެވެ. އަދި ގާވީ ފޮނުވާލި ހަމަލާއެއް ވަނީ ސޮސިއެޑާޑްގެ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ.
މިމުބާރާތުގެ ސެމީފައިނަލުން އޮސަސޫނާވެސް ޖާގަހޯދާފައެވެ. އެޓީމް ސެމީފައިނަލުން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ސެވިއްޔާ އާއި ބައްދަލުކުރިމެޗް އިތުރު ވަގުތު ކުޅެ 2 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްގެންނެވެ.