ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން: ސެމީ ފައިނަލުން ޖޯކޮވިޗް ޖާގަ ހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ސާބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ސެމީފައިނަލުން ޖޯކޮވިޗް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ރަޝިއާގެ އަންޑްރޭ ރުބްލޭފް ބަލިކުރުމަށްފަހުއެވެ.

މިމެޗް ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނީ ސީދާ ތިންސެޓުންނެވެ. މިގޮތުން މިމެޗްގެ ސެޓްތައް އޭނާ ގެންގޮސްފައިވަނީ ހައެއް އެކެއް، ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ. މިމެޗްގައި ރުބްލޭފްއަށް މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ. އަދި ޖޯކޮވިޗް ފެނިގެންދިޔައީ މާ މޮޅުކޮށެވެ.

މިމެޗްގައި ޖޯކޮވިޗް ކުޅެފައިވަނީ އަނިޔާގައި ހުރެގެންކަން ފާހަގަވިއެވެ. މިގޮތުން އޭނާގެ ވައަތުފައިގެ ފަލަމަސްގަނޑު މިމެޗްގައިވެސް ހުރީ ވަރަށް ބޮޑަށް ބެންޑޭޖް ކުރެވިފައެވެ. މިމުބާރާތުގެ ސެމީފައިނަލްގައި ޖޯކޮވިޗް ވާދަކުރާނީ އެމެރިކާގެ ޓޮމީ ޕޯލް އާއެވެ.

މިމުބާރާތުގެ ސެމީފައިނަލުމް ޕޯލް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އަމިއްލަ ޤައުމަށް ނިސްބަތްވާ އެހެން ކުޅުންތެރިއެއް ކަމަށްވާ ބެން ޝެލްޓަން ތިން ސެޓް އެއް ސެޓުން ބަލިކޮށްގެންނެވެ. މިމެޗްގެ ސެޓްތައް ދުނިޔޭގައި 35 ވަނައަށް ރޭންކް ކުރެވިފައިވާ ޕޯލް ކާމިޔާބުކުރީ ހަތެއް ހައެއް، ހައެއް ތިނެއް، ފަހެއް ހަތެއް އަދި ހައެއް ހަތަރަކުންނެވެ.

މިމުބާރާތުގެ ފުރަތަމަ ސެމީފައިނަލްގައި ވާދަކުރާނީ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއި ރަޝިއާގެ ކަރެން ކަޗަނޯފްއެވެ.