ސްޕެނިޝް ކަޕްގެ ސެމީފައިނަލުން ރެއާލް މެޑްރިޑް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ރެއާލް ޖާގަހޯދީ ރޭ ކުޅުނު ކްއާޓަރ ފައިނަލް މެޗްގައި ވާދަވެރި އެޓްލެޓިކޯ މެޑްރިޑާއި ބައްދަލުކުރިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވުމުން އިތުރު ވަގުތު ކުޅެގެން 3-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅުވީ އެޓްލެޓިކޯގެއެވެ. މިގޮތުން މެޗްގެ 19 ވަނަ މިނެޓްގައި އެޓްލެޓިކޯއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އަލްވާރޯ މޮރާޓާއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
މިމެޗްގައި ރެއާލްއިން އެއްވަރު ކުރި ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހާދިނީ ރޮޑްރިގޯއެވެ. މިނަތީޖާގައި އޮވެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެހާފް ކުޅެގެންނެވެ. އިތުރު ވަގުތުގައި އެޓްލެޓިކޯއަށް މައްސަލަ ތަކާއި ކުރިމަތިލާން ޖެހުނީ އެޓީމްގެ ޑިފެންޑަރ ސްޓެފަން ސެވިޗް އަށް ދެވަނަ ރީނޑޫ ކާޑަކާއެކު ރަތް ކާޑު މެޗްގެ 99 ވަނަ މިނެޓްގައި ދެއްކުމުންނެވެ. މިމެޗްގައި ރެއާލްއިން ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗްގެ 104 ވަނަ މިނެޓްގައި ކަރިމް ބެންޒީމާ ޖަހާދިން ލަނޑުންނެވެ. އަދި އިތުރު ވަގުތުގެވެސް އިތުރު ވަގުތުގައި ރެއާލްގެ ފަހު ލަނޑު ޖަހާދިނީ ވިނީޝަސް ޖޫނިއަރއެވެ.
ސެމީ ފައިނަލްގައި ރެއާލް ބައްދަލުކުރާ ޓީމެއް އެނގިގެންދާނީ މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ ޑެލްރޭގެ ސެމީފައިނަލްގެ ގުރުއަތުލުމަށްފަހުއެވެ. މިމުބާރާތުގެ ސެމީފައިނަލުން ދެން ޖާގަހޯދާފައިވަނީ އެފްސީ ބާސެލޯނާ، ސެވިއްޔާ އަދި އެތުލެޓިކް ބިލްބާއޮއެވެ.