ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުން އެތުލެޓިކް ބިލްބާއޮ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ބިލްބާއޮ ޖާގަހޯދީ ރޭ ކުޅުނު ކްއާޓަރ ފައިނަލް މެޗްގައި ވެލެންސިއާ އާއި ބައްދަލުކުރިމެޗް 3-1 ހެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވެލެންސިއާއިން ގިނައިރު ބޯޅަ ގެންގުޅެފައިވާއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބިލްބާއޮއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ބިލްބާއޮއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އީކަރ މުނިއައިންއެވެ. މިމެޗްގައި ވެލެންސިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރީ މެޗްގެ 43 ވަނަ މިނެޓްްގައި ބިލްބާއޮގެ އޮސްކާ ޑި މާކޯސް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
އެކަމަކު މެޗްގެ ނަތީޖާ ހަމަހަމަކުރިތާ ދެމިނެޓްފަހުން ބިލްބާއޮއިންވަނީ މިމެޗްގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ނީކޯ ވިލިއަމްސްއެވެ. އަދި މިމެޗްގައި ބިލްބާއޮ އިން ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުން މިކެލް ވެސްގާއެވެ.
މިކާމިޔާބީއާއެކު ބިލްބާއޮ ކޮޕާ ޑެލްރޭގެ ސެމީފައިނަލުން ޖާގަހޯދާފައިވާއިރު އެޓީމް ބައްދަލުކުރާ ޓީމެއް އެނގިގެންދާނީ މިއަންނަ ހޯމަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމަށްފަހުއެވެ.