ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން: ފައިނަލުގައި ރީބަކީނާ އާއި ސަބަލެންކާގެ ކުރިމަތިލުމެއް


އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުން ކަޒަކިސްތާންގެ އެލޭނާ ރީބަކީނާ އާއި ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ވިމްބަލްޑަން ޓެނިސް މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވާ ރީބަކީނާ ޖާގަހޯދީ ސެމީފައިނަލްގައި މިމުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ ވިކްޓޯރިއާ އަޒަރެންކާ އާއި ބައްދަލުކުރިމެޗް ކާމިޔާބު ކޮށްގެންނެވެ. މިމެޗް ރީބަކީނާ ކާމިޔާބުކޮށްފައިވަނީ ސީދާ ދެސެޓުންނެވެ.

ނަމަވެސް މިމެޗްގެ ފުރަތަމަ ސެޓް ރީބަކީނާއަށް ކާމިޔާބު ކުރެވުނީ ޓައިބްރޭކަކަށް ގޮސް ހަތެއް ހަތަރަކުން ކުރި ހޯދައިގެންނެވެ. އަދި ދެވަނަ ސެޓް ކާމިޔާބުކޮށްފައިވަނީ ހައެއް ތިނަކުންނެވެ. މިމެޗުން ބަލިވުމުން 10 އަހަރަށްފަހު މިމުބާރާތް ކާމިޔާބު ކުރުމަށް އަޒަރެންކާ ދެކެމުން އައި ހުވަފެން ވަނީ ބޭކަރުވެގެން ގޮސްފައެވެ.

މިމުބާރާތުގެ ފައިނަލުން ސަބަލެންކާ ޖާގަހޯދީ ސެމީ ފައިނަލްގައި ޕޯލަންޑްގެ މަގްދާ ލިނޭޓޭ ބަލިކުރުމަށްފަހުއެވެ. މިމެޗް ސަބަލެންކާ ކަމިޔާބުކޮށްފައިވަނީވެސް ސީދާ ދެސެޓުންނެވެ. އަދި ފުރަތަމަ ސެޓް ސަބަލެންކާއަށް ކާމިޔާބު ކުރެވުނީ ޓައިބްރޭކަކަށް ގޮސް ހައެއް ހަޔަކުންނެވެ. އަދި ދެވަނަ ސެޓް ކާމިޔާބުކޮށްފައިވަނީ ހައެއް ދެޔަކުންނެވެ. މިއީ ބޮޑު މުބާރާތެއްގެ ފައިނަލުން ސަބަލެންކާއަށް ޖާގަލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.

ސަބަލެންކާވަނީ މީގެކުރިން ބޮޑު ތިން މުބާރާތެއްގެ ސެމީފައިނަލްގައި ކުޅެ ބަލިވެފައެވެ. އެހެންކަމުން މިއީ އޭނާއަށް މިހާރުވެސް ވަރަށް ބޮޑު ކާމިޔާބީއެއްގެގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަކެވެ. ރީބަކީނާ އާއި ސަބަލެންކާގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.