އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިސީޒަންގައި އެންމެ މޮޅުކަމަށް ފާހަގަ ކުރެވިފައިވާ ބޮސްޓަން ސެލްޓިކްސް ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެއްޖެއެވެ.
އެޓީމް އެންމެފަހުން ބަލިވެފައިވަނީ މިއަދު ހެނދުނު ނިއުޔޯކް ނިކްސް އާއި ބައްދަލުކުރިމެޗް 120 ޕޮއިންޓް 117 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނިކްސްގެ ޖޫލިއަސް ރެންޑްލްވަނީ 37 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ހޯދާދީ 2 އެސިސްޓް ކޮށްފައެވެ.
ސެލްޓިކްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ 4 އެސިސްޓް ދިން ޖޭސަން ޓެޓުމްއެވެ. އީސްޓަރން ކޮންފަރެންސްއަށް ނިސްބަތްވާ ސެލްޓިކްސްވަނީ މިސީޒަންގައި މިހާތަނަށް ކުޅުނު 50 މެޗުން 35 މެޗް ކާމިޔާބުކޮށް 15 މެޗުން ބަލިވެފައެވެ. މިއީ މިސީޒަންގައި މިހާތަނަށް އެންމެ ރަނގަޅު ރެކޯޑެވެ. ނަމަވެސް 35 މެޗް ކާމިޔާބު ކުރުމަށްފަހު އެޓީމް އެންމެފަހުން ކުޅުނު ތިންމެޗުންވެސް މިވަނީ ބަލިވެފައެވެ. އެޓީމާއި އެންމެ ކައިރީގައި މިހާރު އުޅެނީ ވެސްޓަރން ކޮންފަރެންސްގެ އެއްވަނައިގާ މިވަގުތު އޮތް ޑެންވަރ ނަގެޓްސްއެވެ. ނަގެޓްސްވަނީ 49 މެޗް ކުޅުނު އިރު 34 މެޗުން މޮޅުވެ 15 މެޗުން ބަލިވެފައެވެ.
މިމުބާރާތުގައި ޑެޓްރޮއިޓް ޕިސްޓަންސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 122 ޕޮއިންޓުން ކާމިޔާބުކުރީ ޕިސްޓަންސްއެވެ. މިމެޗްގައި ޕިސްޓަންސްގެ ސާދިގު ބޭވަނީ 25 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 40 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ކައިރީ އަރވިންގއެވެ. މީގެއިތުރުން ކްލީވްލަންޑް ކެވެލިއަރސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސްއެވެ. މިމެޗްގައި ކެވެލިއަރސްގެ ޑާރިއަސް ގާލަންޑްވަނީ 26 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. އަދި ރޮކެތްސްގެ ޓާރީ އީސަންވަނީ 18 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ.