ސްޕެއިންގެ އިޤްތިޞާދީ ދުވެލި މިދިޔަ ކުއާޓަރުގައި %5.5 އަށް ހަލުއިވެފައިވާކަމަށް އެ ޤައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ސްޕެއިންގެ ޖީޑީޕީ 3 ވަނަ ކުއާޓަރާއި އަޅާބަލާއިރު 4 ވަނަ ކުއާޓަރުގައި %0.2 އަށް އަދި 2021 ވަނަ އަހަރުގެ މި ކުއާޓަރާއި އަޅާބަލާއިރު %2.7 އަށް އިތުރުވެފައިވާ ކަމަށް ސްޕެއިންގެ ނޭޝަނަލް ސްޓެޓިސްޓިކްސް އިންސްޓިޓިއުޓުން ވަނީ ބުނެފައެވެ.
އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި އާންމު ޚަރަދުތައް އިތުރުވުމުން ސަބަބުން އިޤްތިޞާދީ ދުވެލި ހަލުއިވިއިރު، ސްޕެއިންގެ އިޤްތިޞާދީ ދުވެލި ވަނީ ވިދިވިދިގެން 7 ކުއާޓަރުގައި ހަލުއިވެފައެވެ. ރޮއިޓާސްގެ ޕޯލްގައި ދިރާސާ ކުރި ފަރާތްތަކުން ވަނީ ކުއާޓަރުން ކުއާޓަރުން ބަލާއިރު، %0.1 އަށް ހަލުއި ވާނެ ކަމަށާއި އަހަރުން އަހަރަށް ބަލާއިރު %2.2 ގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކޮށްފައެވެ.
ސްޕެއިންގެ ޖީޑީޕީ އަހަރު ނިމޭއިރު ހުންނާނެކަމަށް ރަސްމީކޮށް ލަފާކުރި 4.5% އާއި މިދިޔަ އަހަރުގެ ފަހުކޮޅު ބޮޑުވަޒީރު ލަފާކުރެއްވި %5 އަށް ވުރެ ވެސް މަތިވެފައިވާއިރު، ސްޓެޓިކްސް އޮފީހުން ވަނީ މީގެ ކުރީ ކުއާޓަރުތަކުގެ ޑޭޓާވެސް އިތުރުކޮށްފައެވެ. ދިރާސާކުރާ ގިނަ ފަރާތްތަކުން ލަފާކުރާ ގޮތުގައި ޖީޑީޕީގެ ކުރިއެރުން މި އަހަރު %2.1 އަށް މަޑުޖެހޭނެއެވެ.
ބުރާސްފަތި ދުވަހު އާންމުކުރި ވަޒީފާ ނެތް މީހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު 3 މަސް ދުވަހުގެ ތެރޭގައި ސްޕެއިންގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ ދަށްވެފައެވެ.
މިދިޔަ ކުއާޓަރުގައި އިޤްތިޞާދަށް އަންނަން ފެށި ޔޫރަޕްގެ ރިކަވަރީ ފަންޑުގެ 31 ބިލިއަން ޔޫރޯ ނުވަތަ 33.69 ބިލިއަން އެމެރިކާ ޑޮލަރު ސްޕެއިން އަށް މިހާރު ވަނީ ލިބިފައެވެ.
މިދިޔަ އަހަރު ސްޕެއިންގެ އިޤްތިޞާދުގެ އެއް ބާރު ކަމަށްވާ އެކްސްޕޯޓު ކުރާ މިންވަރަށް 4 ވަނަ ކުއާޓަރުގައި ހުއްޓުމެއް އައީ ދުނިޔޭގެ އިޤްޞާދު މަޑުޖެހުމުންނެވެ. ރީޓެއިލް، ހޮޓަލް އަދި ރެސްޓޯރެންޓްތައް ވެސް ހުއްޓުމަކަށް އައެވެ.
2020 ވަނަ އަހަރު ސްޕެއިންގެ އިޤްތިޞާދީ ދުވެލި ވަނީ %11.3 އަށް މަޑުޖެހިފައެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން، ކޯވިޑްގެ ކުރިން އޮތް އިޤްތިޞާދީ ދުވެލި އަދިވެސް އިއާދަވެފައެއް ނުވެއެވެ.