މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 8 ބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހަސަން ޝާޒް އަޙްމަދު ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އާމިނަތު އަޒުރާ ހޯދައިފިއެވެ.
ގައުމީ ބިލިއާޑް ސެންޓަރުގައި ހުކުރު ދުވަހުގެރޭ ކުރިއަށްދިޔަ ފިރިހެން ޑިވިޝަނުގެ ފައިނަލް ޝާޒް ހޯދީ އިސްމައިލް ސުވެއިދާ ވާދަކޮށް 11-10 ފްރޭމުންނެވެ. ޝާޒް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުން ބަލިވި ނަމަވެސް ލޫޒާސް ބްރެކެޓުގައި މުޙައްމަދު ޝަރީފް ބަލިކުރުމަށްފަހުގައެވެ.
އަނެއްކޮޅުން އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އަޒުރާ ހޯދީ ފައިނަލުގައި ދީނާ އަޙްމަދު 7-3 ފްރޭމުން ބަލިކޮށްގެންނެވެ. އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ވިނާޒް ބްރެކެޓުގައި ދީނާ ވަނީ އަޒުރާ އަތުން މޮޅުވެފައެވެ. އެކަމަކު އަޒުރާ ފައިނަލަށް ދަތުރުކުރީ ބަލިވި ފަޅިން ކުޅުނު ސެމީ ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހުގެރޭގެ ނިޔަލަށް ކުރިއަށްދިޔަ 8 ބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަންގައި ޖުމްލަ 76 ކުޅުންތެރިން ވާދަކުރިއެވެ. އޭގެ ތެރޭގައި އެންމެ މަތިން ރޭންކް ކުރެވިގެން އޮޓަމެޓިކުން ކޮލިފައިވި 48 ކުޅުންތެރިންނާއި، ކޮލިފައިން ބުރުގައި ވާދަކުރި 28 ކުޅުންތެރިން ހިމެނެއެވެ.