ކުޅިވަރު

ލިޔޯންއަށް ކުޅެމުން އަންނަ ގުސްޓޯ ޗެލްސީއަށް


ފްރެންޗް ލީގުގެ ލިޔޯންއަށް ކުޅެމުން އަންނަ ފްރާންސްގެ މާލޯ ގުސްޓޯ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ބަދަލުވެއްޖެއެވެ.

އުމުރުން 19 އަހަރުގެ ގުސްޓޯ ޗެލްސީއަށް ސޮއިކޮށްފައިވަނީ 35 މިލިއަން ޔޫރޯގެ އަގަކަށެވެ.

2030ގެ ނިޔަލަށް ޗެލްސީގައި ހުރުމަށް އެއްބަސްވެ ގުސްޓޯ ސޮއިކުރި ނަމަވެސް އޭނާ ޗެލްސީ އާއި ގުޅުމަށް ހަމަޖެހިފައިވަނި މިފަހަރުގެ ސީޒަން ލިއޯންގައި ހޭދަކުރުމަށްފަހު މިއަންނަ ސީޒަނަށެވެ. ލިއޯން އިން ހާމަކުރާގޮތުގައި އެހެން ކަންތައްތަކާ ގުޅިގެން އިތުރު ފަސް މިލިއަން ޔޫރޯ އިތުރު ކުރުމަށްވެސް އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

ޗެލްސީއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި ގުސްޓޯ ސީޒަންގެ ބާކީ ބައި ލިއޯންގައި ހޭދަކުރާނީ ލޯން އެއްބަސްވުމެއްގެދަށުންނެވެ. ގުސްޓޯއަކީ ލިއޯންގެ ޒުވާން ޓީމް ތަކުގެ ތެރެއިން ސީނިއަރ ޓީމަށް އައިސްފައިވާ ކުޅުންތެރިއެކެވެ. މިގޮތުން އޭނާ ލިއޯން ޓީމަށް އެންމެ ފުރަތަމަ ކުޅެފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެެވެ. އޭނާވަނީ މިސީޒަންގައި 15 މެޗް ލިއޯންއަށް ކުޅެދީފައެވެ.

މިފަހަރުގެ ޖެނުއަރީ ޓްރާންސްފަރ މާކެޓްގައި ޗެލްސީއިންވަނީ ގިނަ ކުޅުންތެރިންތަކެއް އެޓީމަށް ގެންގޮސްފައެވެ. މިގޮތުން ނޯނީ މަޑުއެކޭ، މިހައިލޯ މުޑްރިކް، ޑެވިޑް ޑަޓްރޯ ފޮފާނާ، އަންޑްރޭ ސަންޓޯސް އަދި ބެނޮއިޓް ބާޑިއާޝިލޭ އެޓީމަށް ސޮއިކޮށްފައެވެ. އަދި ލޯން އެއްބަސްވުމެއްގެ ދަށުން ޖާއޮ ފީލިކްސްވެސް ވަނީ އެޓީމަށ މިމަހުގެ ތެރޭގައި ގެންގޮސްފައެވެ. މިވިޔަފާރި ތަކުގެ އަގު 160 މިލިއަން ޕައުންޑަށް އަރާކަމަށްވެއެވެ. އަދި އެހެން ކަންތައްތާކައި ގުޅިގެން ލިބޭ ބައިތަކާއެކު މިއަގު އިތުރު ވުމަކީވެސް ގާތްކަމެއް ކަމަށްވެއެވެ.