ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލްއިން ނެރެފައިވާ އެ ބޭންކުގެ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން، އެ ކުއާޓަރުގައި ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 212 މިލިއަން ރުފިޔާ ލިބިފައިވާއިރު ހިންގުމުގެ ފައިދާގެ ގޮތުގައި 489 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.48 ބިލިއަށް ރުފިޔާ ލިބިފައެވެ. މި ނަތީޖާ ހާސިލް ކުރެވިފައިވަނީ ހުރިހާ ދާއިރާއަކުންވެސް ލިބިފައިވާ ކުރިއެރުން ދެމެހެއްޓިގެންނެވެ. މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 1.8 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
2022 ވަނަ އަހަރު ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެއެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ 2022 ވަނަ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހަރަކާތެއް ހިންގައި، ޖުމްލަ 12 ހަރަކާތެއް ހިންގާފައިވާ ކަމަށެވެ. މިއީ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށް އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ހިންގުނު ބޭނުންތެރި އަދި މުހިންމު ހަރަކާތްތަކެއްކަމަށް ސްޓުމްކަ ވިދާޅުވިއެވެ.
"މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރ ގައި ހާސިލްކުރެވިފައިވާ ހަރުދަނާ ނަތީޖާއަށް ފަހު ކުރިޔަށް މިއޮތް އަހަރު އަޅުގަނޑުމެންގެ ސްޓްރެޓަޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ނުހަނު އިސްކަމެއްދީގެން މަސައްކަތްކުރަމުންދާނަން. އަދި މި ފުރުސަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ބޯޑު ޑައިރެކްޓަރުންނާއި އެހާމެ ބުރަކޮށް މިދިޔަ އަހަރު މަސައްކަތް ކުރި އަޅުގަނޑުމެންގެ ޓީމަށް ޝުކުރު އަދާކުރަން." ސްޓުމްކަ ވިދާޅުވިއެވެ.
ބީއެމްއެލުން މިހާރު ދަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 84 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 142 އޭޓީއެމް،
200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންނާއެކު ޙިދުމަތްދެމުންނެވެ.