ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި މިއަހަރު މަޑުވާނެ: އައިއެމްއެފް


ރަޝިއާ ހިމެނޭ ގޮތަށް ކުރިއަރާފައިވާ ދުނިޔޭގެ އެހެން ޤައުމުތަކުގެ އިޤްތިޞާދީ ދުވެއްޔަށްވުރެ ބޮޑަށް އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި މިއަހަރު މަޑުޖެހޭނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފް އިން ބުނެފިއެވެ.

އައިއެމްއެފް އިން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި މިއަހަރު %0.6 އަށް މަޑުޖެހޭނެއެވެ. އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި މިއަހަރު މަޑުޖެހޭނެ ކަމަށް ލަފާކުރީ ހަކަތައިގެ އަގު އުފުލުމާއި، ރަހުނު ޚަރަދު ބޮޑުވުމާއި، ޓެކްސް އިތުރުވުމުގެ އިތުރުން މަސައްކަތްތެރިންގެ ދަތިކަން އޮތުމުންކަމަށް އައި.އެމް.އެފް އިން ބުނެއެވެ.

ނަމަވެސް އައި.އެމް.އެފް އިން މިހާރު ދެކޭގޮތުގައި އިނިރޭސިވިލާތުގެ އިގްތިސާދީ ދުވެލި ދަނީ ރަނގަޅު ޓްރެކެއްގައެވެ. އައި.އެމް.އެފްގެ ޗީފް އިކޮނޮމިސްޓް ޕިއެރޭ އޮލިވިއާ ގޯރިންޗާސް ބީބީސީ ނޫހަށް ވިދާޅުވީ އިނގިރޭސިވިލާތަކީ މިދިޔަ އަހަރު ޔޫރަޕްގައި އެންމެ ހަލުއިކޮށް ކުރިއެރި އިޤްތިޞާދު ކަމަށެވެ.

ގޯރިންޗާސް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި މިއަހަރު މަޑުޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެކަމުން ދައްކައިދެނީ އަގުބޮޑު ލިކުއިޑް ނެޗުރަލް ގޭހަށް އިނގިރޭސިވިލާތުން ބަރޯސާވެފައިވާ މިންވަރެވެ.

އިނގިރޭސިވިލާތް ފިޔަވައި ކުރިއަރާފައިވާ ހުރިހާ ޤައުމުތަކުގެ އިޤްތިޞާދުތަކާއި ކުރިއަރަމުން އަންނަ ހުރިހާ ޤައުމުތަކުގެ އިޤްތިޞާދީ ދުވެލިވެސް މިއަހަރު ހަލުއި ވާނެ ކަމަށް އައި.އެމް.އެފް އިން ބުނެއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ފޯރާފައިވާ ރަޝިޔާއާގެ އިޤްތިޞާދީ ދުވެލިވެސް މިއަހަރު ހަލުއިވާނެ ކަމަށް އައި.އެމް.އެފް އިން ވަނީ ލަފާކޮށްފައެވެ.

އަންގާރަ ދުވަހު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޔޫރޯޒޯންގެ އިޤްތިޞާދީ ދުވެލި %3.5 އަށް ހަލުއިވެފައިވާއިރު، މުޅި ޔޫރަޕިއަން ޔޫނިއަންގެ އިޤްތިޞާދީ ދުވެލި ވަނީ %3.6 އަށް ހަލުއި ވެފައެވެ.

އައި.އެމް.އެފް އިން ލަފާކުރާ ގޮތުގައި 2024 ވަނަ އަހަރު އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި ހަލުއި ވާނީ %0.9 އަށް އަށެވެ. މީގެ ކުރިން މި ޢަދަދު ހުރީ %0.6 ގައެވެ.