ރާއްޖޭގެ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އދ. މަހިބަދޫއަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކުލަބުގެ އެކަޑަމީގެ ތިން ކުއްޖަކު ޔޫރަޕުގެ އެކަޑަމީއަކަށް ތަމްރީނުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެރަށަށް ނިސްބަތްވާ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ތޯރިގް (ޓޮމް) ބުނެފިއެވެ.
ޓީވީއެމްގެ ސާބަސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޮމް ވިދާޅުވީ ކުލަބު އުފެއްދި މައިގަނޑު މަޤްސަދަކީ ވެސް އެ ރަށުން ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ބިނާކުރުން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވާން ކުލަބުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އަތޮޅުތެރޭގައި ފުޓުބޯޅައިގެ ހަރަކާތްތައް މިހާރުވެސް އެންމެ ފުޅާކޮށް ހިންގަމުންދާ ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަހިބަދޫއިން މިހާރުވެސް ދަނީ ކުޅުންތެރިން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރުވެސް ޤައުމީ ލެވެލްގައި ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަ މަހިބަދޫގެ ފުޓުބޯޅައިގެ މުސްތަގްބަލް ބިނާކުރުމަށް ޓޮމް ވަނީ ޔޫރަޕުގެ އެކަޑަމީއަކާ ވާހަކަދައްކަމުންނެވެ.
ޓޮމް ވިދާޅުވީ ފުޓުބޯޅަ އެހެން ލެވެލްއަކަށް ގެންދެވޭނެ ގޮތެއް ހޯދަމުން އަންނަ ކަމަށާއި އެކަން ފައިނަލްވުމުން ކުލަބުގެ ބޯޑަށް ހިއްސާކުރާނެ ކަމަށެވެ. އެގޮތުން މަސައްކަތްކުރަނީ 13 އަހަރާއި 18 އަހަރުންދަށުގެ އެންމެ މަދުވެގެން ތިން ކުއްޖަކު ޔޫރަޕުގެ އެކަޑަމީއަކަށް ފޮނުވުން ކަމަށާއި އެ މަސައްކަތުގެ ދަށުން ބޭރުގެ އެކަޑަމީއަކާ މިހާރުވެސް ވާހަކަދައްކަމުން އަންނަ ކަމަށެވެ.
މަހިބަދޫ ސްޕޯޓްސް ކުލަބުގެ ދެ ފައުންޑަރ މެމްބަރުން ކަމަށްވާ އަހްމަދު ތޯރިގް (ޓޮމް) އާއި ކުރީގެ ޤައުމީ ކީޕަރު އިމްރާން މުހައްމަދު (އިންމަ) ގުޅިގެން އެ ރަށުގައި ދަނީ ފުޓުބޯޅައަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންމެ އިސްކަމެއް ދީގެން ކުރިޔަށްދަނީ މަހިބަދޫއިން ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅޭނެ ކުޅުންތެރިން އުފެއްދުމެވެ.