މިއަހަރާ ރާއްޖޭގެ ކްރިކެޓް
ބޯޑުން ކުރިމަތިލާއިރު އާ އުންމީދުތަކެއް ހުރިނަމަވެސް އެއާއެކު
ބޮޑެތި ގޮންޖެހުންތަކެއްވެސް ރާއްޖޭގެ ކްރިކެޓަށް ވަނީ ކުރިމަތިވެފަ އެވެ.
ކްރިކެޓް ކޮންޓްރޯލް ބޯޑުގެ
އަހަރީ އާއްމު ޖަލްސާ އިއްޔެ ބާއްވައި، 7.5 މިލިއަން ރުފިޔާގެ
ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. މި ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރުމަށް
ކަނޑައަޅާފައިވަނީ ކުޅިވަރު ކުޅޭނެ ތަންތަނާއި ވަސީލަތްތަށް ޤާއިމްކުރުމަށެވެ. އެގޮތުން
3.2 މިލިއަން ރުފިޔާ އެކަށއަޅާފައިވަނީ ކުޅިވަރުކުޅޭ
ވަސީލަތްތައް ޤާއިމްކުރުމަށެވެ. މިހާރު ކްރިކެޓަށް ދިމާވެފައި އެންމެ ބޮޑު
މައްސަލައަކީ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ނެތުންކަމަށް ކްރިކެޓް ބޯޑުގެ ރައީސް
އަޙްމަދު ޙަސަން ދީދީވެސް ޤާބޫލްކުރައްވައެވެ.
ކްރިކެޓް ކުޅޭ އެއް ނަންބަރު
ދަނޑުގައި އެހެން ބޭނުންތައްވެސް ކުރަމުންދާތީ އެ ދަނޑު އޮތީ ކްރިކެޓް
ކުޅުންތެރިން އެންމެ ބޭނުންވާ ފެންވަރަކަށް ނޫނެވެ. އައުޓް ޑޯރ ނެޓް ދުވާލު ގަޑީގައި
ތަމްރީންތަކަށް ބޭނުންކުރެވޭއިރު އެތަނަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް
ކްރިކެޓް ބޯޑުން ވަނީ ނިންމާފައެވެ.
އޭގެ އިތުރުން ކްރިކެޓް
އިންޑޯ ހޯލް މުޅިން ބަދަލުކޮށްލުމަކީ ކްރިކެޓް ބޯޑުގެ ވިސްނުމެވެ. އިންޑޯ މަރާމާތު ކުރުމުގެ މަސައްކަތް ކުރިން ފެށިނަމަވެސް ވަކި ހިސާބަކުން ހުއްޓާލާފައި އޮތުމަށްފަހު އަލުން އެތަން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ކްރެކެޓް
ބޯޑުން އުންމީދު ކުރައްވައެވެ. އިންޑޯރ އަލުން ތަރައްޤީ ކުރެވޭއިރު އެތަން ފަރުމާ
ކުރެވޭނީ އިންޑޯ ކްރިކެޓް ކުޅެވޭގޮތަށެވެ. މި މަސައްކަތް ފެށޭތޭ ދެ ތިން މަހެއްތެރޭ
މަސައްކަތް ނިމޭނެކަމަށް ކްރިކެޓް ބޯޑުން އުންމީދުކުރައްވައެވެ.
ރާއްޖޭގައި ކްރިކެޓް އެހެން ހަރުފަތަކަށް ކުރިޔަށް ގެންދިއުމަށް ކްރިކެޓް ބޯޑުން ކުރާ މަސައްކަތުގައި މިހާރު އެ ބޯޑުން
ބޭނުންވަނީ މަދު ކުޑަނަމަވެސް އެ ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ ރަށްރަށުގައި
އެ ކުޅިވަރު ބޮޑަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށެވެ.
އެގޮތުން ލ އަތޮޅު
ކުނަހަންދޫއަކީ އާބާދީ މަދު ރަށަކަށްވީނަމަވެސް ކްރިކެޓް ބޯޑުން އެ ރަށުގައި
ކްރިކެޓް ކުރިއަށް ގެންދިއުމަށް ބޭނުންވެއެވެ. ރައްޔިތުން އެ ރަށުގައި ކްރިކެޓް
ކުރިއަރުވަން ބޭނުންވުމާއިއެކު އެ ރަށުގައި ދާއީމީގޮތެއްގައި ކްރިކެޓްގެ
ހަރަކާތްތައް ހިންގުމަކީ ކްރިކެޓް ބޯޑުން އެރަށަށް އިސްކަންދޭންޖެހިފައިވާ
ސަބަބެކެވެ. އެ ރަށުގައި ތަރައްޤީ ކުރެވޭ ކްރިކެޓް ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމަށް ކްރިކެޓް ބޯޑުން ބޮޑު އެހީތެރިކަމެއް ދިނުމަށް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން މިހާރު
ކްރިކެޓް ބޯޑުގެ ވިސްނުން ހުއްޓިފައިވާ އެއް ރަށަކަށް ވެފައިވަނީ ހއ.ކެލައެވެ.
ކެލާގައިވެސް ކްރިކެޓް
ކުރިއެރުވިދާނެކަމަށް ކްރިކެޓް ބޯޑުން ޤަބޫލްކުރެއެވެ. އެއީ އެ ރަށުގައި ކްރިކެޓަށް
ޝައުޤުވެރިކަން ހުރުމާއިއެކު ކްރިކެޓް ކުޅޭނެ ވަސީލަތްތައް ފަސޭހަކަމާއެކު
ޤާއިމްކުރެވެން ހުރުމުންނެވެ.
ކުރިން އާބާދީ ބޮޑެތި ރަށްތަކުގައި
މި ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން
އައްޑޫ ސިޓީއަށް ބޮޑެތި ޙަރަދުތަކެއް ކުރިން ކުރެވިފައިވީނަމަވެސް އައްޑޫގައި
ކްރިކެޓްގެ އެއްވެސް ހަރަކާތެއް މިހާރު ކުރިޔަށް ނުދާކަމަށް ކްރިކެޓް ބޯޑުން
މަޢުލޫމާތުދެއެވެ.
އެއަށްފަހު ފުވައްމުލަކުގައިވެސް
ފެންވަރު ރަނގަޅު ކްރިކެޓް ދަނޑެއް ޤާއިމް ކުރެވިފައިވީނަމަވެސް އެތަނުގައިވެސް
އެންމެ އެދެވޭ ގޮތެއްގައި ކްރިކެޓް ހަރަކާތްތަކެއް ކުރިއަށްނުދާކަމަށް ކްރިކެޓް
ކޮންޓްރޯލް ބޯޑުން ހާމަކުރެއެވެ.
އެހެންކަމުން ކްރިކެޓް ބޯޑުން
ބޭނުންވަނީ ދާއިމީކޮށް ކްރިކެޓް ކުޅެ، އެކަމަށް ޝައުގުވެރިކަން ހުންނަ ރަށްރަށަށް
އިސްކަން ދިނުމަށެވެ.
ކްރިކެޓް
ކޮންޓްރޯލް ބޯޑުގެ ރައީސް އަޙްމަދު ޙަސަން ދީދީ ވިދާޅުވީ އިންޓަރނޭޝަނަލް ކްރިކެޓް
ކައުންސިލުންވެސް ކުދި މުޖުތަމަޢުތަކަށް ކްރިކެޓް ގެންދަން ބޭނުންވާކަމަށެވެ.