ޚަބަރު

ހުއްދަ ނެތި އައު މަޤާމުތައް ނުއުފައްދަން އަންގައިފި


މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، ހުއްދަ ނެތި އައު މަޤާމުތައް ނުއުފެއްދުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިގޮތަށް އަންގާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ސޮއިކުރައްވާ ނެރުއްވާފައިވާ، މާލިއްޔަތާއި ގުޅޭ ސާކިއުލާއެއްގައެވެ. ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައިވަނީ މިއަހަރުގެ ބަޖެޓު ތަންފީޒުކުރަން ޚަރަދުތައް މިހާރަށްވުރެ ރަނގަޅަށް ހަމަޖެއްސުމަށް ސަރުކާރުގެ ހުރިހާ އޮފީސްތަކުން މަސައްކަތް ކުރުމަށް އެދިފައިވެއެވެ.

އެގޮތުން ޚަރަދުތައް ކުޑަކުރުމަށް ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާކުރުމަށްފަހު، މިނިސްޓްރީގެ ހުއްދަ ލިބިގެންމެނުވީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، ބަޖެޓްގައި ހިމެނިފައި ވީނަމަވެސް، މިހާރު ދޭން ފަށާފައިނުވާ އައު އެއްވެސް އެލަވަންސެއް، ހުއްދަ ނެތި އަހަރުތެރޭގައި ދޭން ނުފެށުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.

ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް، ރޭންކަށް އަދި މުސާރައާއި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ކުރިއަށް ނުގެންދިއުމަށް އަންގާފައިވާއިރު، ރަސްމީގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމޭނެގޮތަކަށް މަސައްކަތްތައް ރޭވުމަށާއި، ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށްވެސް ސާކިއުލާގައިވަނީ އަންގާފައެވެ.

ފިނޭންސް މިނިސްޓްރީންވަނީ ދަތުރުތަކަށް ކުރާ ޚަރަދުތައްވެސް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

މީގެއިތުރުން ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލަރޝިޕް ސްކީމްތަކުގެ ބޭރުން، އެއްވެސް އިތުރު އައު ސްކޮލަރޝިޕެއް ނުދިނުމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ. ރާއްޖޭން ބޭރުން ހުރިހާ ޚަރަދެއް ލިބޭ ކުރުމުއްދަތުގެ ކޯސްތަކާއި ޓްރެއިނިންގތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށްވެސް ފިނޭންސް މިނިސްޓްރީން އެދިފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން މި ސަރކިއުލަރއާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.