ފަތުރުވެރިކަމަށް މިދިޔަމަހު ހުޅުވާލި ރަށްތަކުގެ ލިސްޓުން މ. ބޯހުރާ އުނިކޮށްފިއެވެެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކުގެ ލިސްޓުން ބޯހުރާ އުނިކޮށްފައިވަނީ އެރަށުގައި ރިސޯޓެއް ތަރައްޤީކޮށްފިނަމަ ތިމާވެއްޓަށް އެކަމުގެ ސަބަބުން ކޮށްފާނެ އަސަރުތަކަށް ބެލުމަށްފަހުކަމަށެވެ. އަދި ބޯހުރާއަށް އަރާ ފޭބުމުގެ އިންތިޒާމް މުލީ ބަނދަރުން ހަމަޖެއްސުމަށް ނިންމާފައިވާއިރު، މިއީ ރާއްޖޭގައި ރާއްޖޭގައި ރިސޯޓުތައް ހިނގަމުން އަންނަ 'ވަން އައިލެންޑު- ވަން ރިސޯޓު' ކޮންސެޕްޓާއި ހިލާފްވާ ކަމެއްކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބޯހުރާ ދޫކުރުމަށް އޭރު އިއުލާންކޮށްފައިވަނީ، އެރަށް ހިއްކުމަށް ހުއްދަދޭގޮތަށް ނޫނެވެ. އަދި ބޯހުރާގެ ބައުންޑްރީގައި އެރަށާއި ކައިރީގައިވާ މަޝްޙޫރު ސާރފް-ޕޮއިންޓްވެސް ނުހިމެނޭގޮތަށެވެ.
ޓޫރިޒަމް މިނިސްޓްރީން މިފަހަރު ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކާއި ގުޅޭ މައުލޫމާތުދިނުމުގެ ބައްދަލުވުން ބާއްވާ ތާރީޙަށްވެސް ބަދަލު ގެނެސްފައެވެ. އެގޮތުން ފެބްރުއަރީ 6 އަކީ ސަރުކާރު ބަންދު ދުވަހަކަށްވުމުން، މައުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވާ ތާރީޙު ވަނީ ފެބްރުއަރީ 7 އަށް ފާސްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ތަރައްޤީކުރުމަށް އައު ރަށްތަކެއް ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަމަހުގެ 23 ވަނަ ދުވަހުއެވެ.
ފަތުރުވެރިކަން ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިބުރުގައި 8 އަތޮޅަކުން 13 މަޝްރޫޢެއް ވަނީ ހުޅުވާލާފައެވެ.
* ހއ. އަލިދުއްފަރުފިނޮޅު
* ހއ. މެދަފުށި
* ހދ. ކުޑަފަރުފަސްގަނޑު
* ރ.އެއްތިގިލި އަދި ރ. އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
* ކ.ކާށިދޫފަޅުގެ ސަރަހައްދުން ބައެއް
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް -1
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް – 2
* ތ. އޮޅުފުށި ( އޮޅުފުށިފިނޮޅާއި އެކު)
* ގއ ބޭރަމައުއްޑޫ
* ގއ. ފުނަދޫވިލިގިއްލާ
* ގދ. ހާދުއާ
* ގދ. ކަޅެހުއްޓާ
* ގދ. ފެރޭތަވިލިނގިލި (ކްލަސްޓަރއެއްގެ ގޮތުގައި)
އަލަށް ހުޅުވާލާފައިވާ ރަށްތަކުގެތެރެއިން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ.ކާށިދޫ އާއި ފ.ނިލަންދޫ ފަޅުން ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަށެވެ. އެގޮތުން މިއިން ކޮންމެ މަޝްރޫޢަކަށް އެންމެ މަދުވެގެން ލީޒް އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 2.2 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިހާރުގެ އަންދާޒާއަކީ މިހުރިހާ ރަށަކުން އެންމެ މަދުވެގެން 1700 އެނދު ފަތުރުވެރިކަމަށް ނެރެވޭނެ ކަމަށެވެ. އެހެންނަމަވެސް މިއަދަދު އިތުރުވުން އެކަށީގެންވާކަން އެމިނިސްޓްރީން ފާހަގަކުރެއެވެ.
ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ހުޅުވާލި ރިޒޯޓްތަކުގެ ތެރެއިން ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް މިިސަރުކާރުން އަންނަނީ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.