ޑިމާންޑް އިތުރުކޮށް އިންވެސްޓަރުން ޝައުގުވެރިކުރުމުގެ ގޮތުން އިލެކްޓްރިކް ކާރުގެ ވިޔަފާރިން ވެލިއު އެޑެޑް ޓެކްސް، ވެޓް ނަގާ މިންވަރު %11 އިން 1% އަށް ކުޑަކުރުމަށް އިންޑޮނޭޝިއާއިން ވިސްނަމުންދާކަމަށް އެކަމާއި ބެހޭ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އިންޑޮނޭޝިއާގެ އަމާޒަކީ 2024 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 1.2 މިލިއަން އިލެކްޓްރިކް މޮޓޯސައިކަލާއި 35،000 އިލެކްޓްރިކް ކާރު ބޭނުންކުރުމެވެ.
އިންޑޮނޭޝިޔާގެ ސަރުކާރުގެ ކަމާއިބެހޭ އޮފިޝަލަކު ވިދާޅުވީ އެހެން ގައުމުތަކާއެކު އިލެކްޓްރިކް ވެހިކަލް އިންސެންޓިވްސްއާ ބެހޭ ގޮތުން ވާހަކަ ދައްކަމުންދާކަމަށެވެ. އަދި ވިއްކާ ކޮންމެ އިލެކްޓްރިކް ސައިކަލަކަށް 7 މިލިއަން ރުޕީސް ނުވަތަ 467.60 އެމެރިކާ ޑޮލަރުގެ އިނާޔަތެއް ސަރުކާރުން ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޕްލޭންކޮށްފައިވާ އިނާޔަތްތައް ލިބޭނީ އިންޑޮނޭޝިއާގެ 'ލޯކަލް ކޮންޓެންޓް ރޫލް'ގެ ދަށުން، މަދުވެގެން %40 އިންޑޮނޭޝިއާގައި އުފައްދާފައިވާ އިލެކްޓްރިކް ވެހިކަލްތަކަށެވެ.
ބުދަ ދުވަހު ކެބިނެޓްގެ އިސް މިނިސްޓަރު ލުހުތު ޕަންޖައިޓަން ވިދާޅުވީ އީވީއަށް އިނާޔަތްތައް ކަނޑައަޅާ ގަވާއިދު އަންނަ ހަފްތާގައި ނެރޭނެ ކަމަށް ބެލެވޭ ކަމަށެވެ.