ޤައުމީ އެއަރލައިން، އައިލެންޑު އޭވިއޭޝަން ރީ-ބްރޭންޑުކުރުމަށް ނިންމައިފިއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން މިހާރު ވަނީ ކުންފުނީގެ ލޯގޯ އާއި މަތިންދާ ބޯޓުތަކުގެ ލިވަރީ ނުވަތަ މަތިންދާ ބޯޓުތަކުގެ ބޭރުގައި ބޭނުންކުރާ ކުރެހުން ބަދަލުކުރުމަށް ޑިޒައިންތައް ހުށަހެޅުމަށް ހުޅުވާލާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާ ވިދާޅުވީ، ޕްރޮޕޯސަލްތައް ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެެވެ. އަދި މި ލިބޭ ޕްރޮޕޯސަލްތަކަށް ބަލާ އެންމެ ރަނގަޅު ހުށަހެޅުމެއް ހޮވާލާނެ ކަމަށެވެ.
Calling designers?
— MaldivianAero (@MaldivianAero) February 2, 2023
WE ARE REBRANDING!
Mail your proposals to [email protected] before 8th February 2023, 1600hrs. pic.twitter.com/CSpVlKlhcx
ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
އައިލެންޑު އޭވިއޭޝަނުން މިހާރު ބޭނުންކުރަމުން އަންނަ ލޯގޯ އަކީ 2000 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ ބޭނުންކުރަމުން އަންނަ ލޯގޯއެވެ.
އައިލެންޑު އޭވިއޭޝަނުން ދަނީ އެކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ބޯޓުތައްވެސް ގެންނަމުންނެވެ. އެގޮތުން އޭޓީއާރު 72 މަރުކާގެ 2 ބޯޓު މިހާރު ރާއްޖެ ގެނެސް ވަނީ ޚިދުމަތުގައި ބޭނުންކުރަން ފަށާފައެވެ. ފުރަތަމަ ބޯޓު ބޭނުންކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އަނެއް ބޯޓު ބޭނުންކުރަން ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އިތުރު ބޯޓެއް މިމަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.